އިލްމު އުނގެނެން މަސައްކަތްކުރުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭނެ މަގެއް: ޚުތުބާ

Fri, 24 May 2024 01:20 PM

View on this article on vNews

އިލްމު އުނގެނެން މަސައްކަތްކުރުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭނެ މަގެއް: ޚުތުބާ

އިލްމު އުނގެނެން މަސައްކަތްކުރުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭނެ މަގެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.



ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބާ ޚާއްސަކޮށްފައިވަނީ "ދިރާސީ އައު އަހަރު" މި މައުޟޫއުއަށެެވެ.

ޚުތުބާގައި ބުނީ، ޢިލްމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެެއްކަމަށާއި، ޢިލްމުގެ ތެރޭގައި ތިމާ ދުނިޔެ އާރާސްތު ކުރުމަށް ބޭނުންވާ ޢިލްމާއި އާޚިރަތުގެ ހެވާއިލާބަ ލިބިގަތުމަށް ބޭނުންވާ ޢިލްމު ހިމެނޭކަމަށެވެ. ޢިލްމުގެ ތެރެއިން އެންމެ މާތް މަތިވެރި ޢިލްމަކީ އަރަހުށި މާތް ﷲ ގެ އެއްކައުވަންތަކަން މަޢުރިފާކޮށް ދެނެގަތުމުގެ ޢިލްމުކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޢިލްމުގެ އަހުލުވެރިންނަކީ މާތް ﷲ އެބައެއްގެ ދަރަޖަ މަތިވެރި ކުރައްވާފައިވާ ބައެއްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ކީރިތި ޤުރްއާނުގައި މާތް ﷲ ޢިލްމުވެރިންނަށް ތަޢުރީފުގެ ބަސް ވަޙީކުރައްވާފައި ވެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. މާނައީ" ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމު ލިބިގެންވާމީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." [1] المجادلة:
ހުތުބާ

ޢިލްމު އުނގެނުމަށް ވަކި ޢުމުރެއް، ވަކި ޖިންސެއް ނޯންނަކަން ފާހަގަކޮށް ހުތުބަގައި ބުނީ، މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތް ކުރާން ޖެހޭކަމަށެވެ. މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނޭކަމަށާއި، އެއީ ސުވަރުގެއަށް ވާޞިލުކޮށްދޭނެ ކަމެއްކަން ހުތުބާގައި ހަނދާންކޮށްދީފައިވެއެވެ.

ހުތުބާގައި ބުނީ، ޢިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރީންކަމަށާއި، ނަބީބޭކަލުން ވާރުތަ ކުރެއްވީ ޢިލްމުކަމަށެވެ. ދުނިޔަވީ އެއްވެސް މާއްދީ މުދަލެއް އެ ބޭކަލުންގެ ކިބައިން ވާރުތައެއް ނުވާކަމަށެވެ.

މާތް ﷲ ރުއްސުންލެއްވި އަބުއްދަރުދާއުގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގެ މާނާގައި ވެއެވެ. "މީހަކު ޝަރުޢީ ޢިލްމު އުނގެނުމަށްޓަކައި މަގެއް އިޚްތިޔާރުކޮށްފިނަމަ ﷲ سُبْحَانَهُ وَتَعَالَى އެމީހަކަށްޓަކައި ސުވަރުގެއަށް މަގެއް ފަހި ކޮށްދެއްވައެވެ. ހަމަކަށަވަރުން، މަލާއިކަތް ބޭކަލުން ޢިލްމު އުނގެނޭ މީހާގެ ޢަމަލަށް ރުހިވަޑައިގެން އެ ބޭކަލުންގެ ފިޔަފުޅުތައް އޭނާއަށްޓަކައި ތިރިކޮށްލައްވައެވެ. އަދި ޢިލްމުވެރިޔާއަށް އުޑާއި ބިމުގައި ވާހައި ތަކެއްޗާއި، ކަނޑުގައިވާ މަސްމަހާމެއްސަށް ދާންދެން އިސްތިޣުފާރު ކުރެއެވެ. އަޅުވެރިޔާގެ މައްޗަށް ޢިލްމުވެރިޔާގެ މާތްކަން ވާހުށީ ހުރިހާ ތަރިތަކުގެ މައްޗަށް ހަނދު މަތިވެރިވެގެންވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިޘުންނެވެ. ހަމަކަށަވަރުން ނަބީބޭކަލުން ދީނާރެއް އަދި ދިރުހަމެއް ވާރުތަ ނުކުރައްވައެވެ. ހަމަކަށަވަރުން އެބޭކަލުން ވާރުތަކުރެއްވީ ޢިލްމެވެ. ފަހެ އެ ޢިލްމު ޙާޞިލުކޮށްފިމީހާއީ ބޮޑުވެގެންވާ ނަސީބެއް ޙާޞިލުކޮށްފި މީހެކެވެ."
ހުތުބާ

ހުތުބާގައި ވަނީ މި ފެށޭ ދިރާސީ އަހަރަކީ ތިމާމެންގެ ދަރީންނަށާއި ބެލެނިވެރިކަމުގެ ދަށުގައިވާ ކުދިންނަށް ހުރިހައި ގޮތަކުންވެސް ބާއްޖަވެރި އަދި ކާމިޔާބު އަހަރެއްކަމުގައި ލެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް ނަސޭހަތްތެރިވެފައެވެ. އަދި އެފަދައިން ގަދައަޅައި މަސައްކަތްކޮށް އެ ދަރީންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާކުރާނެ ޢިލްމު ހޯދައިދިނުމަށް އެހީތެރިވެދިނުމަށައި، އެ ކުދިންނަކީ އަޚްލާޤު ރަނގަޅު ކިޔަމަންތެރި، މައިންބަފައިންނާއި ބެލެނިވެރިންގެ ބަސްއަހާ ކުދިންތަކަކަށް ހެދުމުގެ ބުރަ ބޮޑު ޒިންމާއަށް އިހުމާލު ނުވުމަށްވެސް ނަސޭހަތްތެރިވެފައިވެއެވެ.

ހުތުބާގައި، ދަރިވަރުންނަކީ މާދަމާ ޤައުމުގެ ވަޙްދަތު ޙިމާޔަތްކޮށް، ޤައުމުގެ ބަހާތައް ނަގަހައްޓަން ތިބޭނެ ކުދިންކަން ހަނދާންކޮށްދީފައިވެއެވެ. މާތް ﷲ ދަރިވަރުންގެ ޢުމުރުގައި ބަރަކާތްލައްވައި ޢިލްމުވެރި މޮޅު ދަރިންތަކަކަށްވާނީ، އެކަލާނގެ އެންގެވި ގޮތަށް ޢަމަލުތައް ބަހައްޓައި މައިންބަފައިންނަށް ހެޔޮކޮށްހިތައި، މުދައްރިސުންނަށް އިޙްތިރާމްކޮށް، ޢިލްމު ހޯދުމަށް ގަދައަޅައި މަސައްކަތް ކޮށްގެންކަން ހަނދާންކުރުމަށް ހުތުބާގައި ނަސޭހަތްދީފައިވެއެވެ މަދްރަސީ މަރުޙަލާއަކީ، އެ މަރުޙަލާއެއް ނިމި ފާއިތުވެއްޖެނަމަ، ދެން އަލުން ލިބޭނެ މަރުޙަލާއެއް ނޫންކަންކަމަށާއި، އެ މަރުޙަލާގައި ކިޔަވައިދޭ ތަކެތި ރަނގަޅަށް ފަހުމުވުމަކީ ވަރަށް މުހިންމު ކަމެއްކަންަމަށް ހުތުބާގައި ބުނެފައިވެއެވެ.

ދަރިވަރުންނަށް ﷲ ގެ ރަޙުމަތުން ލިބިފައިވާ ފަދަ ތަޢުލީމީ ފުރުޞަތަކަށް އެދިއެދި ތިބި އެތައްހާސް ކުދިންނެއް ދުނިޔޭގައި އުޅޭކަން ފާހަގަކޮށް ހުތުބާގައި ވަނީ، ދަރިވަރުންނަށް ލިބިފައިވާ ފުރުޞަތު ބޭކާރުކޮށްނުލައި، ﷲ ގެ ވާގިފުޅާއެކު ހިންމަތާއެކު މަސައްކަތްކޮށް، ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ޢަޒުމް އައުކުރުމަށް ނަސޭހަތްދީފައެވެ.



More from vNews