އަތުކޮޅަށް ބުޅަލެއް ހޫރާލި މީހެއްގެ މައްސަލަ ބަލަނީ

Wed, 15 May 2024 09:35 PM

View on this article on vNews

ގއ. ވިލިނގިލީގައި ބުޅަލަކަށް އަނިޔާކުރި މައްސަލައެއް ދިވެހި ފުލުހުންގެ މުއައްސަސާއިން ބަލަން ފަށައިފިއެވެ.



އެ މައްސަލަ ބަލަން ފަށާފައިވާކަން ހާމަކުރެއްވީ ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން، އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ބުޅަލަށް އަނިޔާކުރުމަށްފަހު އެސޮރު އަތުކޮޅަށް ހޫރާލާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށް އާންމު ރައްޔިތަކު ވަނީ، އެ އަމަލު ހިންގި މީހާއާއި އެ ވީޑިއޯ ރިކޯޑުކޮށް މީސްމީޑިއާގައި އާންމުކުރި މީހާއާ ބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ. އެ މީހާ ބުނި ގޮތުގައި ވީޑިއޯ ރިކޯޑުކޮށްފައި ވަނީ ފުލުހެކެވެ.

އާންމުކޮށްފައިވާ ވީޑިއޯއިން ފުރަތަަ ފެންނަނީ ފިރިހެނަކު ބުޅަލެއްގެ އަތުގައި ހިފައި ހިއްލާލައިގެން އަންނަ ތަނެވެ. ފަހުން އެ ސޮރުގެ ދެ އަތުގައި ހިފައި ވަރަށް އުސް ފާރެއްގެ މަތިން އަނެއްކޮޅަށް ހޫރާލާތަން ފެނެއެވެ.

މިފަދަ މައްސަލަތަކަށް ފުލުހުން މާބޮޑު ސަމާލުކަމެއް ނުދޭކަމަށް އެމީހާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

މި ޕޯސްޓު ރިޓުވީޓު ކުރައްވައި ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، ގއ. ވިލިނގިލި ޕޮލިސް އިން މިކަން ތަހުގީގުކުރަމުންދާ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި، ހާއްސަގޮތެއްގައި މާލޭގައި ބުޅަލަށް އަނިޔާކުރުމުގެ މައްސަލަތައް ފެންމަތިވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މާލެ ތެރޭގައި އުޅޭ ވަގު ބުޅާތައް މަރާ ސީރިއަލް ގާތިލެއް އުޅޭ މައްސަލައެއް 2019 ވަނަ އަހަރު ފެންމަތިވިއެވެ. އޭނާ ބުޅާ މެރީ އެސޮރުމެންގެ ބޮލުގައި އެއްޗަކުން ތަޅައިގެންނެވެ.



More from vNews