އިންޑިއާގެ ސިވިލް ކްރޫއާއެކު ޑޯނިޔާގައި ބަލި މީހުން އުފުލަން ފަށައިފި

Sat, 27 Jul 2024 11:54 AM

View on this article on vNews

އިންޑިއާގެ ސިވިލް ކްރޫއާއެކު ޑޯނިޔާގައި ބަލި މީހުން އުފުލަން ފަށައިފި

އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓުކުރަން ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ފޮނުވާލައި، މަދަނީންނާއެކު ދަތުރުތައް ފަށައިފިއެވެ.



ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ޑޯނިޔާ އޮޕަރޭޓު ކުރުމަށް ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފަނުވާލުމުގެ ވައުދުފުޅާ އެކުގައެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔައިރު، މި ސަރުކާރުން ޑޯނިޔާގެ ބޭނުން ކޮށްފައެއް ނުވެއެވެ.

ރޭ އޮތް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މަދަނީ މީހުންނާއެކު އިއްޔެ ފުރަތަމަ ފްލައިޓުގައި ބަލި މީހަކު އުފުލީ ހދ. ހަނިމާދޫން މާލެއަށް ކަމަށެވެ.

އެ މަސައްކަތް އިންޑިއާގެ ސިވިލް ކްރޫއާ ހަވާލުކޮށް، މަސައްކަތް ފަށާފައިވާކަން އެމްއެންޑީއެފްއިން ވެސް ހާމަކޮށްފައިވެއެވެ. އެމްއެންޑީއެފް އިން ބުނީ، ޑޯނިއަރ އަދި ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން އެމްއެންޑީއެފްއިން ފޯރުކޮށްދެމުންދިޔަ ސިއްހީ އަވަސް ފަރުވާދިނުމަށްޓަކައި ބަލިމީހުން އުފުލުމުގެ ޚިދުމަތް (މެޑިކަލް އިވަކުއޭޝަން)، ސިވިލްކުރޫއިންނާއެކު މިހާރު ފަށާފައިވާ ކަމަށެވެ.

ޑޯނިއާ ފްލައިޓު އޮޕަރޭޓު ނުކޮށް ގިނަ ދުވަސްތަކެއް ވުމުން، އެކަމާ ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވިއެވެ.

ރާއްޖެއިން މިހާރުވަނީ އިންޑިއާ އަސްކަރީ ސިފައިން އެކީ ފައިބައިފައެވެ. އަނބުރާ ފޮނުވާލި އިންޑިއާގެ 76 ސިފައިންގެ ބަދަލުގައި، އެ ގައުމުގެ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރުމަށް ގެނައި މަދަނީން ރާއްޖެއިން ފައިބާން އެއްބަސްވެފައި ވަނީ 2026 ގައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ތިން ޕްލެޓްފޯމެއްގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލާފައި ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން އައީ އެ ގައުމުން ހަދިޔާކޮށްފައިވާ ދެ ހެލިކަޕްޓަރާއި ޑޮނިއާއެއް ދުއްވައި، މެއިންޓަނަންސްގެ ކަންކަން ބެލެހެއްޓުމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ. އެގޮތުން ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިންނަށް ގާއިމުވެ ނުތިބެވޭނެ ކަމަށާއި ރާއްޖޭގައި ގާއިމުވެތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ.



More from vNews