އަޒްމީލް ހޮސްޕިޓަލަށް ގެންދިއުން ލަސްވުމުން އެޗްއާރުސީއެމްގެ ކަންބޮޑުވުން

Sat, 27 Jul 2024 12:39 PM

View on this article on vNews

އަޒްމީލް ހޮސްޕިޓަލަށް ގެންދިއުން ލަސްވުމުން އެޗްއާރުސީއެމްގެ ކަންބޮޑުވުން

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ތެރޭގައި ކ. މާލެ، މ. ދޯޅަބުގޭ އުމުރުން 38 އަހަރުގެ މުޙައްމަދު އަޒްމީލަށް އަނިޔާވި މައްސަލައިގައި ފުލުހުން ކަންކޮށްފައިވާ ގޮތާމެދު ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.



އަޒްމީލަށް އަނިޔާވެފައި ވަނީ، މި މަހުގެ 16 ވަނަ ދުވަހުގެ 1:00 އަށް ޑްރަގް ކޯޓަށް، ބަންދުގައި ބަހައްޓައިގެން އޭނާ ހާޒިރުކުރުމަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހައްޔަރުކުރުމަށް ފުލުހުން ދިއުމުން އޭނާ ފިލަން އުޅުމުގެ ތެރޭގައެވެ.

އަޒްމީލް ހައްޔަރުކުރަން ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު 14:15 ހާއިރުއެވެ. އެގެއަށް ފުލުހުން ދިއުމުން، ތައްޔާރުވެގެން އައުމަށް ވަގުތުކޮޅެއް ދޭން ބުނުމަށްފަހު، އެގޭގެ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރުން ނުކުމެ ފިލަން އުޅުމުގެ ތެރޭގައި އަޒްމީލް ވަނީ މަގުމައްޗަށް ވެއްޓިފައެވެ. މި ހާދިސާގައި އޭނާގެ ބޯ ފަޅައިގެން ގޮސް، އިތުރު އަނިޔާތަކެއް ލިބި މިހާރު އޭނާއަށް ފަރުވާދެމުން ދަނީ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ.

އަޒްމީލް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފުލުހުންގެ ޚިދުމަތުގެ މާލޭ ކަސްޓޯޑިއަލް އަށް ގެންގޮސް، ކަސްޓޯޑިއަލް މެޑިކަލް އޮފިސަރު ބެލުމަށްފަހު 15 ޖުލައިގެ 15:05 ހާއިރުއެވެ.

އަޒްމީލް ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު އާއިލާގެ ކަންބޮޑުވުންތަކެއް ހުރުމުން، ހައްޔަރުކުރުމުގައި އަމަލުކޮށްފައިވާގޮތް ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލ ސްޓެންޑަރސް ކޮމާންޑާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަނީ އެދިފައެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާކަން ހާމަކޮށް އެޗްއާރުސީއެމް އިން ބުނީ، މި މައްސަލައާ ގުޅިގެން މިހާތަނަށް އާއިލާގެ ފަރާތުން މަޢުލޫމާތު ހޯދައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މަޢުލޫމާތު ހޯދުމަށް އެދިފައިވާނެ ކަމަށެވެ. އަދި ހާދިސާ ހިނގިތަނަށް ޒިޔާރަތްކޮށް، ސީ.ސީ.ޓީ.ވީ ފުޓޭޖް ހޯދަމަށް މަސައްކަތްކޮށް، ކަސްޓަޑީގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ފުޓޭޖް ބެލުމުގެ އިތުރުން، މި ހާދިސާގައި ޙަރަކާތްތެރިވި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކޮށްފައިވާނަމަ އޭގެ ފުޓޭޖް ޙިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާނެ ކަމަށާއި، މި މައްސަލައާ ގުޅިގެން ހޯދަންޖެހޭ އިތުރު މަޢުލޫމާތު ކޮމިޝަނުން ހޯދަމުންދާކަމަށް އެޗްއާރުސީއެމް އިން ބުނެފައިވެއެވެ.

މިހާތަނަށް ލިބިފައިވާ މަޢުލޫމާތުގައި، މި ހާދިސާ ހިނގުމުން އާއިލާއިންވެސް މުޙައްމަދު އަޒްމީލް ޖަލީލް ހޮސްޕިޓަލަށް ގެންދިޔުމަށް އެދިފައިވަނިކޮށް، ހޮސްޕިޓަލަށް ނުގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުން މުޙައްމަދު އަޒްމީލް ޖަލީލް އެ ދުވަހުގެ މެންދުރު 02:45 ގައި މާލެ ކަސްޓަޑީއަށް ގެންދިޔުމަށްފަހު ހޮސްޕިޓަލަށް ގެންދިޔުމަށް ވެހިކަލްއަށް އަރުވާފައިވަނީ 03:01 ގައި ކަމަށް ފާހަގަކުރެވިފައިވާކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މުޙައްމަދު އަޒްމީލް ޖަލީލް ހޮސްޕިޓަލަށް ނުގެންގޮސް ގިނަ ވަގުތުތަކެއްވެ ފަރުވާ ލިބުންލަސްވުން އެއީ ކޮމިޝަނުން ކަންބޮޑުވާކަމެއް ކަމަށާއި، ހައްޔަރު ކުރުމުގެތެރޭގައި އެއްވެސް ފަރާތަކަށް އަނިޔާއެއްލިބި ސިއްހީފަރުވާ ބޭނުންވާ ޙާލަތުގައި، އެ ފަރާތެއް ސްޓޭޝަނަށް ގެންދިއުމުގެ ބަދަލުގައި ސިއްހީ ޚިދުމަތްދޭ ތަނަކަށް ގެންދަން މީގެކުރިންވެސް ކޮމިޝަނުން ދިވެހި ފުލުހުންގެ ޚިދުމަތަށް ލާފާދީފައިވާނެކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މި މައްސަލައިގެ ތަޙުޤީގު ވީހާވެސް އަވަހަކަށް ނިންމުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާ ކަމަށާއި ތަޙުޤީގު ނިމުމުން މައްސަލައިގައި ފާހަގަވާ ކަންކަން ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެންނާނެކަމަށް އެޗްއާރުސީއެމް އިން ވަނީ ބުނެފައެވެ.



More from vNews