އަލަށް ގާއިމްކުރާ ކޯލްޑް ސްޓޯރޭޖްތަކާއެކު 35،500 ޓަނުގެ ރޯމަސް ރައްކާ ކުރެވޭނެ

Fri, 19 Apr 2024 01:07 PM

View on this article on vNews

އަލަށް ގާއިމްކުރާ ކޯލްޑް ސްޓޯރޭޖްތަކާއެކު 35،500 ޓަނުގެ ރޯމަސް ރައްކާ ކުރެވޭނެ

ރާއްޖޭގެ އެކި ސަރަހަށްދުތަކުގައި އަލަށް ގާއިމްކުރާ ކޯލްޑް ސްޓޯރޭޖްތަކާއެކު 35،500 ޓަނުގެ ރޯމަސް ރައްކާ ކުރެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.



އެމިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ކޯލްޑް ސްޓޯރޭޖްތަކަކީ، މަސްވެރިން ބާނާ ކަޅުބިލަމަހުގެ މިންވަރު އިތުރުކުރުމަށާއި މަސް ރައްކާކުރާ މިންވަރު އިތުރުކުރުމަށް ގާއިމްކުރެވޭ ކޯލްޑްސްޓޯރޭޖްތަކެއްކަމަށެވެ.

ހަތް ރަށެއްގައި ކޯލްޑް ސްޓޯރޭޖް ގާއިމްކުރަން ނިންމާފައިވާއިރު، އެއީ ހއ އިހަވަންދޫ، ޅ. ފެލިވަރު، މ. މުލައް، ސ އަތޮޅު، ގއ ކޫއްޑޫ، ގއ ފިޔޯރީގެ އިތުރުން ގދ ތިނަދޫގައެވެ.

އެގޮތުން ހއ އިހވަންދޫގައި 500 ޓަނުގެ މަސް ރައްކާކުރެވޭ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރަން ނިންމާފައިވާއިރު، ޅ ފެލިވަރުގައި 4000 ޓަނު، މުލަކުގައި 500 ޓަނު، ދ އަތޮޅުގައި 1500 ޓަނު، ކުއްޑޫގައި 4000 ޓަނު ގދ ތިނަދޫގައި 1000 ޓަނު، އަދި ފިޔޯރީގައި 3000 ޓަނުގެ މަސް ރައްކާކުރެވޭ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރަން ވަނީ ނިންމާފައެވެ.

މި ކޯލްޑް ސްޓޯރޭޖްތަކާއެކު 35،500 ޓަނުގެ ރޯމަސް ރައްކާ ކުރެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެތެރެއިން ޅ ފެލިވަރުގައި މި މައްސަކަތް މިހާރު ވަނީ ފަށާފައެވެެ. އަދި އިހަވަންދޫ، ދ އަތޮޅު، ފިޔޯރީގައި ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމުގެ މަސައްކަތް ރޭވިފައިވާއިރު، މ މުލަކާއި، ގއ ކޫއްޑޫގައި ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމުގެ މަސައްކަތް އޮތޯ ޓެންޑަރިން މަރުހަލާގައެވެ.

ހަތް ރަށެއްގައި ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އައިސް ޕްލާންޓު ގާއިމްކުރުމާއި ‎މަސް ދޯނިފަހަރަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުންދާ ‎މަސައްކަތްތަކުގެ ތެރެއިން، އިތުރު 11 ‎ރަށެއްގައި އައިސް‎ޕްލާންޓު ގާއިމްކުރުމުގެ މަޝްރޫއެއްގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.

އެގޮތުން މި މަޝްރޫއުގެ ‎ދަށުން ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ށ.ކޮމަންޑޫ،‎ ޅ.ނައިފަރު، އއ.ރަސްދޫ، މ.ވ ވަށް، ދ.ބަނޑިދޫ، ދ.މީދޫ ‎އަދި ގދ.ރަތަފަންދޫގައި އައިސް ޕްލާންޓު ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރެއިން ފަސް ‎އައިސް ޕްލާންޓަކަށް ފަންޑު ހަމަޖެހިފައިވަނީ ‎ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުންނެވެ. އަދި ބާކީ‎ ހަ ޕްލާންޓް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޚަރަދުގައެވެ.

އަދި މިހާރު ގާއިމްކުރެވިފައިވާ ބައެއް އައިސް ޕްލާންޓުތަކުން ޚިދުމަތް ދިނުމުގައި ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، އެކަންކަމަށް އަވަސް ހައްލެއް ‎ހޯދުމުގެ ‎މަސައްކަތްތައްވެސް ފިޝަރީޒް މިނިސްޓްރީއާއި މިފްކޯ ގުޅިގެން ކުރަމުންދާކަމަށް މިނިސްޓްރީ ބުނެއެވެ.



More from vNews