ރިޝްވަތުގެ ފައިސާގައި ޖެހިއްޖެނަމަ، އެ ކެވެނީ އަލިފާން: ޝެއިހް އަލީ ޒައިދު

Fri, 19 Apr 2024 12:14 PM

View on this article on vNews

ރިޝްވަތުގެ ފައިސާގައި ޖެހިއްޖެނަމަ، އެ ކެވެނީ އަލިފާން: ޝެއިހް އަލީ ޒައިދު

ރިޝްވަތުގެ ފައިސާގައި ޖެހިއްޖެނަމަ، އެ ކެވެނީ އަލިފާންކަމަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެެވެ.



ޝައިހް ޒައިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމު އިސްލާހު ކުރެވޭނީ ފުރަތަމަ، ރައްޔިތުން އިސްލާހުވެގެން ކަމަށެވެ.

އެހެންކަމުން ވޯޓް ގަނެ ވިއްކުމުގެ ވިޔަފާރިއާ ދުރުހެލިވާން ޖެހޭކަމަށާއި، ރިޝްވަތުގެ ފައިސާގައި ޖެހުނީމަ އެ ކެވެނީ އަލިފާންކަމަށް ޒައިދު ވިދާޅުވިއެވެ. ވޯޓުލާން ބުނުމުން، ގިނަ މީހުންގެ އެންމެ ފުރަތަމަވެސް އަހާނީ އެމީހަކަށް ލިބޭނޯ ކޯއްތޯކަމަށާއި، އެހެން ނުހެދުމަށް ޝައިހް ޒައިދު އެދިވަޑައިގެންފައިވެއެވެ.

ޝައިހް ޒައިދު މިހެން ވިދާޅުވެފައިވާއިރު، އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ކެންޑިޑޭޓުން ރިޝްވަތު ހުށައަޅަމުންދާކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. ވޯޓު ގަނެ ވިއްކުމަކީ އިންތިޚާބުތަކާއި ދިމާކޮށް ހުރިހާ ޕާޓީއަކުންނާއި މިނިވަން ކެންޑިޑޭޓުންވެސް ކުރާކަމެއްކަމުގައި ގިނަ ފަރާތްތަކުން ބުނެއެވެ.

އެގޮތުން އިންތިހާބުގެ ޕްރި-އިލެކްޝަން މަރުހަލާ މޮނިޓަރކޮށް އެޗްއާރްސީއެމްއިން އެކުލަވާލި ރިޕޯޓްގައިވެސް މިކަން ފާހަގަކޮށްފައިވެއެވެ. އެޗްއާރްސީއެމްއިން ބުނީ، ކަންބޮޑުވާންޖެހޭ އަދަދަކަށް މިފަދަ އަމަލުތައް އެނގޭ ކަމަށް މީހުން މައުލޫމާތު ދީފައިވާކަމަށެެވެ. އެހެންކަމަވެސް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މި ކަމާ ގުޅޭ ގޮތުން ރިޕޯޓްކުރާ އަދަދު މަދުކަން އެކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. ވޯޓު ގަތުމަށްޓަކައި އާންމުކޮށް ހުށައަޅާ ތަކެތީގެ ގޮތުގައި ފައިސާ، ވަޒީފާ އަދި ބޭސްފަރުވާކުރުން ހިމެނޭކަމަށް އެވްއާރްސީއެމްއިން ބުނެފައިވެއެވެ.

ރިޝްވަތު ދިނުމަކީ ކުށެކެވެ. އަދި ރިޝަވަތު ހިފުމަކީވެސް ކުށެކެވެ.

ވާދަވެރިކަމާއެކު މަޖިލިސް އިންތިހާބަށް ކެމްޕޭންކުރަމުން އަންނައިރު، މި އިންތިހާބުގައި 93 ދާއިރާ އަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.



More from vNews