ކްރެޑިޓް ނަގަން ނޫޅޭ، މިނިވަންވީ ސަރުކާރުން ނުފޫޒުނުފޯރުވާތީއެއް ނޫން: ޔާމީން

Thu, 18 Apr 2024 10:21 PM

View on this article on vNews

ކްރެޑިޓް ނަގަން ނޫޅޭ، މިނިވަންވީ ސަރުކާރުން ނުފޫޒުނުފޯރުވާތީއެއް ނޫން: ޔާމީން

ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލުހުކުމުން ސަލާމަތްވީ، އަދުގެ ސަރުކާރުން ޝަރުޢީ ނިޒާމަށް ނުފޯރުވާތީކަމަށް ބުނެ މި ސަރުކާރުގެ އިސް ފަރާތްތަކުން ދައްކަމުންދާ ވާހަކައަކީ ބުހުތާނު ދޮގުކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.



އެމަނިކުފާނު މިހެން ވިދާޅުވީ، ހައިކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފީ ހުކުމްކުރުމުގެ މަޖިލީހަށްފަހު، ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން މިނިވަންވުމުން އުފާކުރާ ކަމަށާއި، އެމަނިކުފާނު މިނިވަންވީ މި ސަރުކާރުން ޝަރުޢީ ނިޒާމުގެ ތެރެއަށް އަތްބޭނުމާއި ނުފޫޒުފޯރުވުން ހުއްޓާލުމުންކަމަށް މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން މީސްމީޑިއާގައި ބުނަމުންދާތީ، އެއީ އަސްލުވެސް އެކަން ހިނގިގޮތް ކަމަށް ގަބޫލުފުޅުކުރައްވަންތޯ އަހައި ޖަލްސާގެ ބައިވެރިއަކު ކުރި ސުވާލަށް ދެއްވި ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ އެއީ ބުހުތާނު ދޮގު ކަމަށެވެ.

މީސްމީޑިއާގައި ސަރުކާރުގެ އިސް ފަރާތްތަކުން އެފަދަ ވާހަކަތަކެއް ދެއްކެވި ނަމަވެސް، އެކަމުގެ ހުއްޖަތެއް އެ ފަރާތްތަކަށް ނުދެއްކޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މި ސަރުކާރުން ރިޔާސީ އިންތިޚާބުގައި ކެމްޕެއިން ކުރި ދުވަސްވަރު ބޭނުންކުރި "ހުސްގޮނޑި" އާ ގުޅޭގޮތުން ވެސް ރައީސް ޔާމީން ވާހަކަދެއްކެވިއެވެ. އަދި ޖަލުގައި އެމަނިކުފާނު ހުންނަވަނިކޮށް، ގެއަށް ބަދަލުކޮށްދިނުމަށް ކުރީގެ ރައީސްގެ ކިބައިން އަދުގެ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަމަށާއި، ރައީސް ޔާމީން މިނިވަންކުރައްވާނީ ވެރިކަމުގެ ހުވާކުރެއްވުމަށްފަހުގައި ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ ތީ ދޮގެކޭ. ތީ ހަމަ ރޯ ބުހުތާނު ދޮގެކޭ. އެ ބޭފުޅުން އެ ދައްކަވާ ވާހަކައިގައި ހުއްޖަތެއް ނުދައްކަވާ. އަޅުގަނޑު މި ދަންނަވަނީ އެއީ ރޯ ބުހުތާނު ދޮގޭ. އަޅުގަނޑު މި ދައްކަނީ ހުއްޖަތް. އެބޭފުޅުން ވެރިކަމަށް ވަޑައިގަންނަވަންވެގެން ހުސްގޮނޑި ދެއްކުމާއި އެހުރިހާކަމެއްގެ އަސްލަކީ ކޮބައިތޯ. އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި (ރައީސް) މުއިއްޒު ވިދާޅުވީ، ތިމަންނަ ވެރިކަމާ ހަވާލުވެފައޭ ރައީސް ޔާމީން ދޫކޮށްލާނީ. އެހެންވީމަ (ރައީސް) އިބްރާހިމް މުހައްމަދު ޞާލިޙް ރައީސް ޔާމީން ދޫކޮށް ނުލާށޭ. މިއީ ހަމަ ވެލް ޑޮކިއުމެންޓެޑް ފެކްޓެއް".
ރައީސް ޔާމީން

އެމޭރުމުން ރައީސް ޞާލިޙްގެ ކިބައިން އޭރު އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނެވި ރައީސް ޑރ. މުއިއްޒު ވިދާޅުވި ނަމަވެސް، އާންމު ރައްޔިތުންގެ ގާތުގައި އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ މުޅިން އެހެން ވާހަކައެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ވެރިކަމަށް ވަޑައިގެންފައި އެންމެފުރަތަމަ ކުރައްވާނެ ކަމަކީ ރައީސް ޔާމީން މިނިވަންކުރުންކަމަށް ވިދާޅުވެފައި، އެކަން ކުރުމަށް އަމަލީ ގޮތުން ރައީސް ޑރ. މުއިއްޒު ކުރެއްވި އެއްވެސް ކަމެއް ނެތްކަމަށާއި، މިކަމުގެ ތެރެއަށް ރައީސް މުއިއްޒު ނުފޫޒު ނުފޯރުވާނަމަ ޝަރީއަތް މިހާ ލަސްވާންޖެހޭ ސަބަބެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕަބްލިކަށް ވިދާޅުވަމުން ގެންދެވީ، ތިމަންނަ ހުވާކުރަން އެތަނަށް ދާކަށްވެސް ނޭނގޭނޭ ރައީސް ޔާމީންގެ އަތުގައި ހިފައިގެން ނޫނީ. އެހެންވީމަ އެހާ ވަރުގަދައަށް ވިދާޅުވަމުން ގެންދެވި ވާހަކައެއްގަ، ރައީސް މުއިއްޒު، މިކަމަށް އަތް ނުބާނާ ހުންނެވިކަމަށް ވާނަމަ، ކީއްވެ މިހާ މައްސަލަ ދިގުލައިގެންދާންވީ. ރައީސް މުއިއްުޒު އެ ވިދާޅުވި ވާހަކަ، ތިމަންނަ ހުވާކުރަން ދާނީ ރައީސް ޔާމީން ގޮވައިގެންނޭ، ތިމަންނަގެ ވެރިކަމުގައި އެންމެ ފުރަތަމަ ކުރާނެ ކަމަކީ ރައީސް ޔާމީން މިނިވަންކުރުމޭ ވިދާޅުވެފަ، އެކަން ކުރައްވަން އަމަލީ ގޮތުން ކުރެއްވި މަސައްކަތެއް ނެތެއްނު".
ރައީސް ޔާމީން

މި މައްސަލަ އަވަސްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޑރ. މުއިއްޒުއަށް އެދިވަޑައިގަނެވޭނެ ކަމަށާއި، އެއީ ޤާނޫނީގޮތުން ކުށެއް ނޫންކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތް ހިނގާ ދުވެލި ލަސްވާނަމަ އެކަންކަން އަވަސްކުރުމަށް ރައީސް އެދިވަޑައިގަތުމަކީ އެއީ ޤާނޫނީގޮތުން އެމަނިކުފާނު ކުރައްވަން ވެސް ޖެހިވަޑައިގަންނަވާކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކަންކަން މިހެން ހިނގާފައި އޮތްއިރު، މިއަދު ޝަރުއީ މަރުހަލާގެ ތެރެއިން އެމަނިކުފާނު މިނިވަންވުމުން އެކަމުގެ ކްރެޑިޓް ނަގަން ސަރުކާރުން އުޅުމުގެ މާނައެއް ނެތްކަމަށާއި، އެކަން އެގޮތަށް ކުރިއަސް ރައްޔިތުން އެކަން ގަބޫލުނުކުރާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރުގެ ފަހުކޮޅު ކުރި ހުކުމް، މިދިޔަ އަހަރުގެ ކުރީކޮޅު ހައިކޯޓުގައި އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފު ކުރި ނަމަވެސް މި މައްސަލަ އެކި ސަބަބު ތަކާ ހުރެ ވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައެވެ. އެކަމާ ގުޅިގެން މިދިޔަ ސަރުކާރަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއިރު، މި ސަރުކާރުގެ ފަސް މަސް ދުވަސް ފާއިތުވެގެން ދިޔައިރު ރައީސް ޔާމީންގެ ޝަރީއަތް ނުނިމުމުން، މި ސަރުކާރަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ރައީސް ޔާމީންގެ ޝަރީއަތް، މި ސަރުކާރުން ނުފޫޒުފޯރުވައިގެން ގަސްތުގައި ލަސްކުރީއެވެ. އެހެންނަމަވެސް ރައީސް ޑރ. މުއިއްޒު ވެސް އަދި ސަރުކާރުގެ އިސް ފަރާތްތަކުން ވެސް ތުހުމަތުކުރާ ގޮތުގައި ޝަރީއަތް ލަސްކުރަނީ އެމްޑީޕީން، ޖުޑިޝަލް ސާވިސް ކޮމިޝަނަށް ނުފޫޒުފޯރުވައިގެންނެވެ.



More from vNews