މަސައްކަތުގެ މާހައުލުން ގަނާކުރުމާއި ތަފާތުކުރުން ނައްތާލުން މުހިންމު: މާރިޔާ

Wed, 01 May 2024 05:32 PM

View on this article on vNews

މަސައްކަތުގެ މާހައުލުން ގަނާކުރުމާއި ތަފާތުކުރުން ނައްތާލުން މުހިންމު: މާރިޔާ

މަސައްކަތުގެ މާހައުލުގައި ގަނާކުރުމާއި ތަފާތުކުރުމާއި އަނިޔާވެރިކަން ނައްތާލުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް ކަމަށް މިނިސްޓަރ އޮތް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.



މިނިސްޓަރު މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ.

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނުން ކަނޑައަޅާފައިވަނީ "ބަދަލުވަމުން އަންނަ މާހައުލުގައި މަސައްކަތުގެ ރައްކާތެރިކަމާއި ސައްހަތުގެ ކަށަވަރުކަން"، މިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ފެށި ފަހުން ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތްތެރިކަމަށް ނަޒަރު ހިންގާލާއިރު، މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ސިއްހަތު ކަށަވަރުކުރުމަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

މަސައްކަތުގެ އިޖްތިމާއީ އަދުލުވެރިކަމާއި، އިގްތިސާދީ ކުރިއެރުމާއި، ދެމެހެއްޓެނިވި ތަރައްޤީ އާލާކުރުމުގައި، އަބުރުވެރި މަސައްކަތްތައް އަދާކުރާ ވަރަށް މުހިންމު ދައުރެއް ވާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކޮންމެ މަސައްކަތްތެރިއަކަށްވެސް، އެމީހަކަށް ހައްގުވާ ކަރާމާތާއި އިހުތިރާމް ލިބިދިނުމަކީ ސަރުކާރުގެ ވަރައްބޮޑު އަމާޒެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ މަސައްކަތްތެރިންނަށް ހައްގުވާވާ އިހުތިރާމް، އޭގެ ފުރިހަމަ މާނާގައި ލިބިދެވޭނެ ގޮތަށް ސިޔާސަތުތަކާއި އުސޫލުތައް ބައްޓަންކޮށް އެކަންކަން އަމަލު ދެއްކުމަށް އިލްތިމާސް ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއެރުންތަކެއް ލިބިފައި ވީނަމަވެސް އަދިވެސް މަސައްކަތުގެ މާހައުލާއި އެންމެންނަށް އަބުރުވެރި މަސައްކަތެއް ހޯދުމުގައި ދެމިއޮތް ގޮންޖެހުންތަކެއް އެބަހުރިކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

މަސައްކަތުގެ މާހައުލުގައި ހިތްހަމަނުޖެހޭ ކަންކަން އެބަ ހިނގާ. ތަފާތުކުރުމާއި، ގަނާކުރުމާއި ނުތަނަވަސްކަމުގެ ހާދިސާތަކުގެ ވާހަކަތައް އެބަ އަޑުއިވޭ. މަސައްކަތްތެރިންގެ ޙައްޤްގައި، މި ފަދަ ތަފާތުކުރުމާއި އަނިޔާވެރިކަމާ ދެކޮޅަށް ކުރިމަތިލައި، އެކަންކަން، މަސައްކަތުގެ މާޙައުލުން ނައްތާލުމަށް މަސައްކަތް ކުރުމަކީ، އަޅުގަނޑުމެން އެންމެންގެ ވާޖިބެއްކަމަށް ހައްދަވާ.
މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ

އެކަމަނާ ވަނީ އެއްބައިވަންތަކަމާއި އެއްބާރުލުމުގެ ރޫޙެއްގައި، ސަރުކާރުގެ އިދާރާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ޓްރޭޑް ޔޫނިއަންތަކާއި، މަދަނީ ޖަމްއިއްޔާތައް ގުޅިގެން ރާއްޖޭގައި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ސިއްހީ ކަންކަން ކަށަވަރުކޮށް، އަބުރުވެރިކަމުގެ މަސައްކަތުގެ މަގްސަދުތައް ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.

އަދި އެކުގައި ގައުމު ބިނާކުރެވޭނީ، ކޮންމެ މަސައްކަތްތެރިއަކަށްވެސް، އެމީހެއްގެ ފުރިހަމަ ގާބިލްކަން ހަގީގަތަކަށް ހަދައި، ކަރާމާތާއި ފުރިހަމަ ދިރިއުޅުމެއް އުޅުމަށް، ބާރުވެރިކުރެވޭ މުޖުތަމައެއް ގާއިމްކޮށްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.



More from vNews