ދިވެހިން ބޭނުންވަނީ ރައީސް މުއިއްޒު ފަދަ ބަހާއި އަމަލާ ދިމާވާ ވެރިން: އަބްދުއްރަޙީމް

Thu, 18 Apr 2024 09:12 PM

View on this article on vNews

ދިވެހިން ބޭނުންވަނީ ރައީސް މުއިއްޒު ފަދަ ބަހާއި އަމަލާ ދިމާވާ ވެރިން: އަބްދުއްރަޙީމް

ދިވެހިން ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަދަ ބަހާއި އަމަލާ ދިމާވާ ވެރިންކަމަށް ރައީސްގެ ހާއްސަ މުޝީރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.



އަބްދުއްރަޙީމް މިހެން ވިދާޅުވީ، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި 11 އަހަރުގެ ޖަލުހުކުމް ބާތިލުކުރުމަށް އަދި އެ މައްސަލަ އަލުން ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް ހައިކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމާ ގުޅިގެން އެކަން ފާހަގަކުރައްވައި އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަބްދުއްރަހީމްގެ ޕޯސްޓުގައި ﷲ އަށް ހަމްދުކުރުމަށްފަހު ރައީސް ޑރ. މުޢިއްޒުއަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީޢަތަށް ނުފޫޒު ނުފޯރުވާނެކަން ހައިކޯޓުގެ ހުކުމުން ރައީސް ޑރ. މުއިއްޒު ސާބިތުކޮށްދެއްވައިފިކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި ޢަދުލު އިންޞާފު ލިބޭނެކަން ރައީސް ކަށަވަރުކޮށްދެއްވައިފި ކަމަށާއި، ޝަރުޢީ ދާއިރާއަކީ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަންކަމާއެކު ޝަރީޢަތް ކުރުމުގެ ފުރުޞަތު އޮތް ދާއިރާއެއްކަން ޔަގީންކޮށްދެއްވައިފި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. ދިވެހީން ބޭނުންވަނީ މަނިކުފާނު ފަދަ ބަހާ ޢަމަލާ ދިމާވާ ވެރިންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަންނުވެ ހުންނެވީ ކުރީ ސަރުކާރުން ޝަރުޢީ ނިޒާމުގެ ތެރެއަށް އަތްބާނައި ނުފޫޒުފޯރުވާތީކަމަށާއި، ވެރިކަމުގެ ހުވާ ކުރައްވާ ދުވަހުން ފެށިގެން ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ހުއްޓާލާނެކަމަށް އަދި އެއާއެކު ރައީސް ޔާމީން މިނިވަންވާނެކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް ކަމުގެ ހުވާކުރެއްވުމުގެ ކުރިން ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.

ވެރިކަމުގެ ހުވާކުރެއްވުމަށްފަހު ވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެމަނިކުފާނުގެ ވެރިކަން ފެށުނު ދުވަހުން ފެށިގެން ޝަރުއީ ދާއިރާއަށް ސަރުކާރުން އަތްބޭނުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އެއާއެކު ރައީސް ޔާމީން މިނިވަން ވާނެކަމަށް އުއްމީދުކުރެއްވި ކަމަށާއި، ފާއިތުވީ ދުވަސްތަކުގެ ތެރޭގައި ކޯޓަކުން ރައީސް ޔާމީނާ ދެކޮޅަށް ހުކުމެއް ކޮށްފައިނުވާކަން ރައީސް ގެންދެވީ ތަކުރާރުކޮށް ފާހަގަކުރައްވަމުންނެވެ.

އެހެންނަމަވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި، އެ ކޮމިޝަނުގެ ރައީސްގެ ގޮތުގައި ވެސް އަދި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކޮމިޝަނުގައި އިންނަވަނީ ވެސް އިދިކޮޅު އެމްޑީޕީގެ މެމްބަރުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތް ލަސްވެގެންދިޔައީ އެމްޑީޕީގެ ނުފޫޒުން ކަމަށެވެ. ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވިތާ ފަސް ދުވަހުގެ ތެރޭގައި ހައިކޯޓުގައި މި މައްސަލަ ތާވަލުކުރުން އެއީ އެމްޑީޕީން މިކަމަށް ނުފޫޒުފޯރުވާ ކަމުގެ ހެއްކެއްކަމަށް، ބުދަ ދުވަހުގެރޭ ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް، އެމްޑީޕީންނާއި ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީ، ޕީއެންއެފް އިން ތުހުމަތުކުރާ ގޮތުގައި ރައީސް ޔާމީންގެ ޝަރީއަތް ނުނިމި، ހުކުމާ ހަމައިން ދިގުލައިގެން ދިޔައީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ނުފޫޒުފޯރުވާތީއެވެ.



More from vNews