ކުއްލި ޚަބަރު: ޔާމީނަށް ކުރި މަނީ ލޯންޑަރިންގެ ހުކުމް ވެސް ބާތިލުކޮށްފި

Thu, 18 Apr 2024 07:36 PM

View on this article on vNews

ކުއްލި ޚަބަރު: ޔާމީނަށް ކުރި މަނީ ލޯންޑަރިންގެ ހުކުމް ވެސް ބާތިލުކޮށްފި

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރކުރިކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމާއި ޖޫރިމަނާ ބާތިލުކުރުމަށް ހައިކޯޓުން ނިންމައިފިއެވެ.



މަނީ ލޯންޑަރިންގެ ކުށުގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ 7 އަހަރުގެ ޖަލު ހުކުމެކެވެ. ހަމަ އެ ރަށް ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ރިޝްވަތުގެ ކުށުގައި، ހަތަރު އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވެއެވެ. މިއާއެކު މި މައްސަލަތަކުގައި ޖުމްލަ 11 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

މިއަދު ހަވީރު ބޭއްވި ރިޝްވަތުގެ ކުށުގެ އިސްތިއުނާފީ އަޑުއެހުމުގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވަނީ، ދަށު ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ މައްސަލައިގައި ޝަރީއަތުގެ ކުރީގެ މަރުހަލާގައި އަމަލުކުރި ގޮތުން ހެކިތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް ތަހުވީލުކުރީކަމަށް ހުކުމުގައިވެއެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގައި މިރޭ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވެސް ބުނެފައި ވަނީ، ދަށު ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ މައްސަލައިގައި ޝަރީއަތުގެ ކުރީގެ މަރުހަލާގައި އަމަލުކުރި ގޮތުން ހެކިތަކަށް ބަދަލު އައުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބެލުމަށްޓަކައި ކްރިމިނަލް ކޯޓަށް ތަހުވީލުކުރީކަމަށް ހުކުމުގައިވެއެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ވަނީ ދަށު ކޯޓުން މައްސަލަ ނިންމިއިރުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކުރައްވައިފައެވެ. އެގޮތުން، މައްސަލަ ނިންމާފައިވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް ފަނޑިޔާރު ޝަފީއުގެ ރައުޔުގައި ވަނީ ފާހަގަކުރައްވައިފައެވެ.

އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ވެސް ވަނީ ފަނޑިޔާރު ޝަފީއުގެ ރައުޔަށް ތާއީދުކުރައްވައިފައެވެ. ހައި ކޯޓުގެ ބެންޗުގައި މި މައްސަލަތައް ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.

އެ މައްސަލައިގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ވެސް ވަނީ މިނިވަންކޮށްފައެވެ.



More from vNews