ހާމަވީ ރައީސް ޔާމީނަށް އަނިޔާދީ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނީ އެމްޑީޕީންކަން: ހީނާ

Thu, 18 Apr 2024 07:21 PM

View on this article on vNews

ހާމަވީ ރައީސް ޔާމީނަށް އަނިޔާދީ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނީ އެމްޑީޕީންކަން: ހީނާ

ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާ ގުޅޭގޮތުން އިސްތިއުނާފީ މަރުހަލާގައި ހައިކޯޓުން ނިންމި ނިންމުމުން ހާމަވެގެން އެދިޔައީ، ވޭތުވެދިޔަ 5 އަހަރު ރައީސް ޔާމީނަށް އަނިޔާދީ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނީ އެމްޑީޕީންކަން ކަމަށް އެންސްޕާގެ ސީއީއޯ އަދި ޕީޕީއެމް/ޕީއެންސީގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.



ރައީސް ޔާމީނާ ދެކޮޅަށް، ރިޝްވަތު ހިފުމުގެ ކުށުގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ 4 އަހަރުގެ ޖަލު ހުކުމާ ގުޅޭގޮތުން ހައިކޯޓުން ނިންމީ، ކްރިމިނަލް ކޯޓުގެ އެހުކުމް ބާތިލް ކަމަށާއި އެ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބެލުމަށެވެ.

ރައީސް ޔާމީނަށް، މަނީ ލޯންޑަރިންގެ ކުށުގައި ކޮށްފައިވާ ހަތް އަހަރުގެ ޖަލު ހުކުމާއި ޖޫރިމަނާއާ ގުޅޭ އިސްތިއުނާފީ މައްސަލައިގެ ފަހު ޝަރީއަތް މިހާރު ކުރިއަށްދާއިރު، އެކްސް ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތުން މަޙްރޫމްކުރީ ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ސީދާ އެމްޑީޕީން ކަމަށެވެ.

އަދި އެއްވެސް ލުޔެއްނުދީ ރޯދަމަހުވެސް ޖަލުގޮޅީގައި ބޭއްވީ ހަމަ އެމްޑީޕީންކަމަށާއި މިއަދު ރައީސް ޔާމީން މިނިވަންވެގެން އެ ދިޔައީ ޝަރުޢީ ނިޒާމުގެ ތެރެއިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އެއްވެސް ނުފޫޒެއްނެތިކަން ހީނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ ވަޢުދުފުޅު ފުއްދަވައިފި ކަމަށާއި ޖުޑިޝަރީގެ މައްޗަށް ރައީސްގެ ނުފޫޒެއްނެތްކަން ވަރަށް ސާފުކޮށް ސާބިތުވެއްޖެކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން ޖުމްލަ 11 އަހަރުގެ ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. އެހެންނަމަވެސް މި މައްސަލަ ހައިކޯޓުގައި ކުރިއަށް ގޮސްފައިވަނީ ވަރަށް ލަސް ދުވެއްޔެއްގައެވެ. ތަފާތު އެކި ސަބަބުތަކާހުރެ ގިނަ ދުވަސްތަކެއް ވަންދެން މި މައްސަލައިގައި އަޑުއެހުންތައް މަޑުޖެހިފައި އޮތެވެ.

ރައީސް ޔާމީންގެ ޝަރީއަތް ލަސްވާތީވެ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑިޝަލް ސާވިސް ކޮމިޝަނުގައި އިންނަވާ މުޙައްމަދު އަސްލަމް ވަނީ އެ މައްސަލަ އެ ކޮމިޝަނަށް ވެސް ހުށަހަޅުއްވާފައެވެ. އެއީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އިދިކޮޅު އެމްޑީޕީން އަދި ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ރައީސް ޔާމީންގެ ޝަރީއަތް ލަސްވަނީ ސީދާ ސަރުކާރުން ޝަރުޢީ ނިޒާމަށް ނުފޫޒުފޯރުވާތީއެވެ. އެހެންމަވެސް ރައީސުލްޖުމްހޫރިއްޔާ މި މައްސަލައިގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، އެމަނިކުފާނު ވެރިކަމުގެ ހުވާކުރެއްވި ދުވަހުން ފެށިގެން ސަރުކާރުން ޝަރުއީ ނިޒާމުގެ ތެރެއަށް އަތްބޭނުން ވަނީ ނިމުމަކަށް އައިސްފައެވެ.

އަދި އެހެން އެކަން ވުމުން ރައީސް ޔާމީން މިނިވަންވާނެކަމަށް އުއްމީދުކުރެއްވިކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ. މިއަދު މި ފެންނަނީ އެ މަންޒަރުކަމަށް ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.



More from vNews