ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް ގާއިމްކުރަނީ

Fri, 29 Mar 2024 12:18 PM

View on this article on vNews

ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް ގާއިމްކުރަނީ

ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަންކުރުމަށް ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް (އޭއީޒެޑް) ގާއިމްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.



މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި (އެމްއައިޑީ)، އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި ދެމެދު ވި މި އެއްބަސްވުމުގެ ދަށުން، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، އިގްތިސާދު ސިންދަފާތުކުރުމާއި، އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ކުރިއެރުމެއް ލިބޭނެއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ކަންޓްރީ މެނޭޖަރ މާއޯ ބާއޯއެވެ.

މިއީ ކާބޯތަކެތީގެ ރައްކާތެރިކަން ދިވެހިރާއްޖޭގައި ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ކުރިޔަށްގެންދާ މަޝްރޫއުއެކެވެ. މި މަސައްކަތް ފެށިފައިވަނީ ރައީސް ޗައިނާއަށް ކުރެއްވި ދަތުރުގައި ޗައިނާގެ ސަރުކާރާއިއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުންނެވެ.

2024 ވަނަ އަހަރު ފެށުމަށް ނިންމާފައިވާ މި އެއްބަސްވުމުގެ މަގުސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކޮށް، އިގްތިސާދީ ތަރައްގީއަށް ދިމާވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދައިދިނުމާއި، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓްމަންޓް ހޯދުމެވެ.

މި މަޝްރޫއު ކުރިޔަށްދާނީ އުތުރު ތިލަފަޅު ނުނީ ބަދަލުގައި ސަރުކާރުން ކަނޑައަޅާ ތަނެއްގައިކަމަށް އެމްއައިޑީއިން ބުނެއެވެ.

މި މަޝްރޫއާއެކު ރާއްޖޭގައި ތަރުކާރީ އަދި މޭވާ އުފެއްދުމުގެ ބޭސްއެއް, އެގްރިކަލްޗަރަލް ޓެލެންޓް ޓްރެއިނިން ބޭސްއެއް, އަދި އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް, ލޮޖިސްޓިކްސް, ޑިސްޓްރިބިއުޝަން ސެންޓަރެއްވެސް ގާއިމްކުރާނެއެވެ. އެގޮތުން ދަނޑުވެރިން ނުވަތަ ޕްރޮސެސްކުރާ ފަރާތްތައް, އަދި ޑިސްޓްރިބިއުޓް ކުރާފަރާތްތަކަށް ޒަމާނީ ވަސީލަތްތަކާއެކު ވާށާޖެހޭ ހައްލެއް އެއްތަނަކުން ލިބިގެންދާނެއެވެ.

އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އަކީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކުރާ ހާއްސަ ސަރަހައްދެކެވެ. ބައިނަލްއަގްވާމީ ވިޔަފާރިކުރުމުގެ ތާރީޚީ ގޮތުން ބަލާއިރު، ދަނޑުވެރިކަމުގެ ދާއިރާތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެކްސްޕޯޓް އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ ޤައުމުތަކުގައި އޭއީޒެޑްތަކަކީ މުހިންމު ވިޔަފާރިއެކެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވެފައިވާއިރު، އޭގެ މައިގަނޑު އެއް ސަބަބަކީ އިމްޕޯޓުކުރާ ކާބޯތަކެއްޗަށް ގައުމު ބަރޯސާވެފައި އޮތް މިންވަރެވެ. ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ގާތްގަނޑަކަށް 90 އިންސައްތަ އިމްޕޯޓުކުރެއެވެ. ރާއްޖެގައި އިމްޕޯޓަށް ބަރޯސާވާން ނުޖެހޭ ހަމައެކަނި ކާނާގެ ބާވަތަކީ ކަނޑުމަހެވެ. އިމްޕޯޓުކުރާ ކާބޯތަކެތީގެ ތެރޭގައި އަސާސީ ބާވަތްތައްވެސް ހިމެނޭއިރު، ރާއްޖޭގެ ކާބޯތެކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ހާމަވެގެންދެއެވެ. ތާރީޚީ ގޮތުން ބަލާއިރު ރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަމުގައި އެންމެބޮޑު ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ ޖިއޮގްރަފިކަލް ލޭއައުޓާއި ދަނޑުވެރިކަން ކުރެވޭ ބިމުގެ ދަތިކަމުންނެވެ.



More from vNews