އެއާޕޯޓް ތަރައްގީކުރާނެ އިތުރު ރަށްތައް ރައީސް ކަނޑަައަޅުއްވައިފި

Thu, 28 Mar 2024 11:58 AM

View on this article on vNews

އެއާޕޯޓް ތަރައްގީކުރާނެ އިތުރު ރަށްތައް ރައީސް ކަނޑަައަޅުއްވައިފި

ރާއްޖޭގައި އެއަރޕޯޓްތައް ތަރައްގީކުރާނެ އިތުރު ރަށްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޤަރާރަކުން ކަނޑައަޅުއްވައިފިއެވެ.



މި ގަރާރަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބެނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މަޝްރޫއުތަކާއި، އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓްގެ އަދަދުތައް ކަނޑައަޅާ ނެރުއްވި ގަރާރެކެވެ.

ރައީސް ވަނީ ރާއްޖޭގެ ނުވަ ސަރަހަށްދެއްގައި އަލަށް އެއާޕޯޓް ތަރައްގީކުރަން ނިންމަވާފައެވެ. އެރަށްތަކަކީ:

  • ހއ ދިއްދޫ
  • ށ މިލަންދޫ
  • ރ. ފައިނު
  • ފ. ނިލަންދޫ
  • ތ. ގުރައިދޫ
  • ށ ދިގުވެލި
  • ނ ވިހަފަރު
  • އއ މަތިވެރި
  • ގއ މާޅެންދޫ

މީގެއިތުރުން ލ އަތޮޅުގައި ސަރުކާރުން ކަނޑައަޅާ ތަނެއްގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

މި ރަށްތަކުގައި އެއާޕޯޓް އެޅުމަށް ހަރަދު ކުރަންޖެހޭ އެންމެ ދަށް އަދަދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރަށަކަށް 5،000،000 ޑޮލަރެވެ.

ނުވަ ރަށެއްގައި އަލަށް އެއާޕޯޓް ތަރައްގީކުރަން ނިންމަވާފައިވާއިރު، ރައީސް ވަނީ މަސައްކަތް ފެށިފައިވާ އެއާޕޯޓް މަޝްރޫއުތައް ނިންމުމަށްވެސް ގަރާރުގައި ހިމަނުއްވާފައެެވެ. މީގެތެރޭގައި ހިމެނީ ހދ މަކުނުދޫ، ރ އަލިފުށި، މ މުލި، ށ ބިލެއްފަހި، ބ ތުޅާދޫގެ އިތުރުން ތ ވިލުފުށީ އެއާޕޯޓެވެ. ރައީސް ވަނީ މި އެއާޕޯޓްތައް ނިންމުމަށް އެންމެ ދަށްވެގެން ކޮންމެ އެއާޕޯޓަކަށް 4،000،000 ޑޮލަރު ހަރަދުކުރުމަށް ނިންމަވާފައެވެ.

މީގެއިތުރުން މިހާރުވެސް ހިދުމަތްދެމުން އަންނަ ހަ އެއާޕޯޓެއް އިތުރަށް ތަރައްގީކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ. އެއީ:

  • ގަން އިންޓަނޭޝަނަލް އެއާޕޯޓް
  • ފުނަދޫ އެއާޕޯޓް
  • ދަރަވަންދޫ އެއާޕޯޓް
  • ކުޅުދުއްފުށީ އެއާޕޯޓް
  • ފުވައްމުލައް ސިޓީ އެއާޕޯޓް
  • މާވަރުލު އެއާޕޯޓް

މިއިން ކޮންމެ އެއަރޕޯޓެއް ތަރައްގީކުރުމަށް އެންމެ ދަށްވެގެން ހަރަދު ކުރަންޖެހޭ އަދަދުގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވަނީ 4،000،000 ޑޮލަރެވެ.

ރައީސްގެ ގަރާރުގައި ވަނީ، ގއ ވިލިނގިއްޔާއި، ގދ ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރުންވެސް ހިމަނުއްވާފައެވެ. މި މަޝްރޫއުތަކަށް އެންމެ ދަށްވެގެން ހަރަދުކުރަންޖެހޭނީ 7،000،000 ޑޮލަރުކަމަށް ރައީސް ވަނީ ނިންމަވާފައެވެ.

މީގެއިތުރުންވެސް ހައްދުންމަތީ ގަމާއި، އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގުމަށް އެންމެ ދަށްވެގެން ހަރަދުކުރެވޭނެ އަދަދުވެސް މި ގަރާރުގައި ހިމަނުއްވާފައިވެއެވެ. އެގޮތުން އައްޑޫ ސިޓީގައި މި މަޝްރޫއުއަށް އެންމެ މަދުވެގެން 10،000،000 ޑޮލަރު އަދި ގަމުގައި 7،000،000 ޑޮލަރު މި މަޝްރޫއުއަށް ހަރަދުކުރުމަށް ވަނީ ކަނޑައަޅުއްވާފައެވެ.



More from vNews