119 ކިލޯގެ މަސްތުވާތަކެތި: ހުރިހާ ތަފްސީލެއް ރައްޔިތުންނަށް ހާމަކުރަން އަންގައިފި

Thu, 28 Mar 2024 11:13 AM

View on this article on vNews

119 ކިލޯގެ މަސްތުވާތަކެތި: ހުރިހާ ތަފްސީލެއް ރައްޔިތުންނަށް ހާމަކުރަން އަންގައިފި

2021 ވަނަ އަހަރު ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި 119 ކިލޯގެ މަސްތުވާތަނެތި އަތުލައިގެން މައްސަލާގައި ދައުވާކުރި ދެ މީހަކު ސަލާމަތްވުމުން، އެ މައްސަލައިގެ ހުރިހާ ތަފްސީލެއް ރައްޔިތުންނަށް ހާމަކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ފުލުހުންނަށް އަންގަވައިފިއެވެ.



މި މައްސަލައިގައި ދައުވާކުރީ ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ އަލީ ޒުބައިރު، ގދ. ހޯނޑެއްދޫ އިރުމަތީގެ އަހުމަދު ސުނައިނު އަދި އެ ރަށު އަލޯރާ އަހުމަދު މުޖާހިދުގެ މައްޗަށެވެ. މި މީހުންގެ މައްޗަށް ކުރީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. އެެހެންނަމަވެސް މި މައްސަލައިގައި ކުށް ސާބިތުވާކަމަށް ހުކުމް ކޮށްފައިވަނީ އަލީ ޒުބައިރުގެ މައްޗަށް އެކަންޏެވެ. ކުށުގައި ބައިވެރިވި އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ގާޒީ ވަނީ ހުކުމް ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އަހްމަދު ސުނައިން އަދި އަހުމަދު މުޖާހިދުގެ މައްޗަށް ހުށަހަޅާފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާގެ މާއްދީ އަދި މައުނަވީ ރުކުން ފުރިހަމަ ނުވާކަމަށެވެ.

މިކަމާއި ގުޅިގެން ހޯމް މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖެއަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވި ވަރަށް ތަފްސީލީ ތަހުގީގަކަށްފަހު އެކަމުގައި ބައިވެރިވި ކަމަށް ތަހުގީގަށް ފާހަގަވި ތިން މީހުންގެ މައްޗަށް ޕީޖީ އޮފީހުން ދައުވާ ކުރިނަމަވެސް މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން މީގެތެރެއިން ދެމީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމާފައިވަކަން ފާހަގަކުރައްވާފައެވެ.

މިފަދަ ކޭސްތައް ރިވިއުކޮށް ރައްޔިތުންނަށް ހުރިހާ ތަފްސީލެއް ހާމަކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ދަންނަވާފަވާނެކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މި މައްސަލާގައި އަލީ ޒުބައިރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން ވަނީ އޭނާ 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖުރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.

ނަމަވެސް ބަންދުގައި ޖަލުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ޒުބައިރުއަށް ވަނީ 22 އަހަރާއި 8 މަސްދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ. އަދި ޖޫރިމަނާ ފައިސާގެ އަދަދު ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭ މީރާއަށް ދައްކާ ހަލާސް ކުރުމަށް އެ ހުކުމުގައި ވެއެވެ.



More from vNews