މެޕްސް ކޮލެޖުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ކުރިއަށް ގެންދަނީ

Thu, 08 Jun 2023 05:44 PM

View on this article on vNews

މެޕްސް ކޮލެޖުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ކުރިއަށް ގެންދަނީ

މެޕްސް ކޮލެޖާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ގުޅިގެން ލޭ ހަދިޔާކުރުމުގެ ޚާއްސަ ކޭމްޕެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި މަހުގެ 24 ވަނަ ދުވަހު ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައިވާ މި ކޭމްޕުގައި، ލޭ ހަދިޔާކުރަން ބޭނުންވާ ކޮންމެ ފަރާތަކަށް ވެސް އެދުވަހުގެ މެންދުރު 1:00 އިން ފެށިގެން ހަވީރު 5:00 ޖަހަންދެން އެފުރުސަތު ލިބޭނެއެވެ.

ލޭ ހަދިޔާކުރުމުގެ ޢާންމުކޮށް ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ އިތުރުން އަލަށް ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށްވެސް މި ކޭމްޕްގައި ބައިވެރިވެވޭނެއެވެ. އަލަށް ލޭ ހަދިޔާ ކުރާ ފަރާތްތަކަށް ލޭ ހަދިޔާކުރެވޭނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްއިން އެފަރާތެއްގެ ސިއްޙީ ޙާލަތުހުރިގޮތުގެ ހާއްސަ ޓެސްޓުތަކެއް ހެދުމަށްފަހުއެވެ. މިއީ މެޕްސް ކޮލެޖުގެ ސީއެސްއާރް ޙަރަކާތްތަކުގެ ތެރެއިން މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އާ ގުޅިގެން ހިންގާ ފުރަތަމަ ކޭމްޕެވެ.

މެޕްސް ކޮލެޖާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ގުޅިގެން މިފަދަ ކޭމްޕެއް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގައި ތިބި ތެލެސީމިއާ ކުދިންގެ އިތުރުން ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ހޯދައިދިނުމަށް މަސައްކަތްކޮށްދީ، ޢާންމުންގެ ގިނަ ބަޔަކު ލޭ ދިނުމަށް ހޭލުންތެރިކުރުވުމެވެ. ހާއްސަކޮށް މެޕްސް ކޮލެޖުގައި ކިޔަވަމުންދާ ދަރިވަރުންނަކީ، ކުރިމަގުގައި މުޖްތަމަޢުގައި މިފަދަ މަސައްކަތްކުރުމަށް އިސްނަގާނެ ފަރާތްތައްކަމުން، ދަރިވަރުން މިކަމަށް ހޭލުންތެރިކުރުވުމަކީ ވެސް މެޕްސް ކޮލެޖުގެ އެއް އަމާޒެވެ.

ލޭ ހަދިޔާ ކުރުމަކީ، އިންސާނިއްޔަތަށް ވެވޭނެ އެންމެ ބޮޑު އެއް އެހީތެރިކަމެވެ. އަދި އިންސާނެއްގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި ވެވޭ މި އެހީތެރިކަމަކީ އިންސާނިއްޔަތަށް ކޮށްދެވޭ ސަދަޤާތެއްކަމުން، ވީހާވެސް ގިނަބަޔަކު މި ކޭމްޕުގައި ބައިވެރިވުމަކީ މެޕްސް ކޮލެޖުގެ އެދުމެކެވެ.

މި ކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން https://tinyurl.com/ym427rba ، މި ލިންކު މެދުވެރިކޮށް ރެޖިސްޓަރކޮށްލެވޭނެއެވެ. ލޭ ހަދިޔާކުރުމުގެ ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ކޮންމެ ފަރާތަކަށް ވެސް ލިބޭނެއެވެ. މި ކޭމްޕާ ބެހޭ އިތުރު މަޢުލޫމާތު މެޕްސް ކޮލެޖުގެ ނަމްބަރު، 3314621 މެދުވެރިކޮށް އާއްމުންނަށް ލިބޭނެއެވެ.



More from vNews