"އިތުބާރު ނެތްކަމުގެ މައްސަލަ އޮއްވައި އެހެން ކަމެއް ނުކުރެވޭނެ"

Thu, 08 Jun 2023 03:02 PM

View on this article on vNews

"އިތުބާރު ނެތްކަމުގެ މައްސަލަ އޮއްވައި އެހެން ކަމެއް ނުކުރެވޭނެ"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވަނިކޮށް އެކަމަށް ވަކިގޮތެއް ކަނޑަނާޅައި މަޖިލީހުގެ އެހެނިހެން މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި ވާހަކަދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ ނޯޓިސް ހަމަވެފައިވާނަމަ މަޖިލީހުގެ ގަވާއިދުގެ 105ވަނަ މާއްދާގައި މަޖިލީހުގެ އިތުރު އެއްވެސް ކަމަކާ ބަހުސްކުރެވޭނީ ރައީސް އާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ކަނޑައެޅުމަށް ފަހުގައި ކަމަށެވެ.

"މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށައެޅިފައިވަނީ. ނޯޓިސްގެ މުއްދަތުވެސް ހަމަވެފައިވަނީ. ދެން އިތުރަށް މަޖިލީހުގެ އެއްވެސްކަމެއް ކުރިއަށްގެންދެވޭނީ ގަވާއިދު ބަޔާންކުރާ ގޮތުގެ މަތިން މި މައްސަލައަށް ގޮތެއް ކަނޑައެޅުމަށްފަހު."
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

އަސްލަމް މިފަދައިން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް ތާވަލުކޮށްފައި ވަނިކޮށް އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށް ބުނެ އެކަން ވަނީ މެންބަރުންނަށް އަންގާފައެވެ.

މެމްބަރުންނަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ޕާޓީތައް އެކުލެވިގެންވާ ގޮތަށްއައި ބަދަލާއެކު ދާއިމީ ކޮމިޓީތައް އަދިވެސް އެކުލަވާލާފައި ނުވާތީ، އީވާ ވަކި ކުރުމުގެ ގަރާރަށް ބަހުސް ކުރުމުގެ ވަގުތު ކަނޑައެޅިފައި ނުވާ ކަމަށެވެ.

އީވާ ވަކިކުރުމުގެ ގަރާރު މަޖިލީހުގެ ތަޅުމަށް ތާވަލުކުރާނީ ކޮމިޓީ އެކުލަވާލެވި ގަރާރަށް ބަހުސް ކުރަން ވަގުތު ކަނޑައަޅައި ނިމުމުން ކަމަށް އަމީންއާންމުގެ ސިޓީގައިވެއެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލާގައި ވާހަކަ ދައްކާނެ މެމްބަރުންގެ އަދަދާއި ވާހަކަ ދައްކާނެ ދިގުމިން އާންމު ކޮމިޓީން ކަނޑައަޅަން ޖެހެއެވެ.

މަޖިލީހުގެ ކޮމިޓީތައް އެކުލަވާނުލައި ދިގުދަންމަނީ ސީދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުކަމަށް ތުހުމަތުކޮށް އެމްޑީޕީން ބުނަމުން އަންނަނީ ކޮމިޓީތައް އެކުލަވާނުލާން އުޅެނީ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އީވާ އަބްދުﷲ ވަކިކުރުމަށް ހުށައެޅި މައްސަލައަށް ހުރަސްއަޅަން ކަމަށެވެ.

އެހެންނަމަވެސް ޕާޓިތަކުން މަޝްވަރާކޮށްގެން ކޮމިޓީތައް އެކުލަވާލަން ގޮތެއް ހޯދުމަށް ނަޝީދުވަނީ މިފަހުން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފައެވެ.



More from vNews