މަޖިލިސް "މަރުތަޅު" އެޅުވިފައިވާ ކަމަށް ބުނެ ކަންބޮޑުވުން

Thu, 08 Jun 2023 11:39 AM

View on this article on vNews

މަޖިލިސް "މަރުތަޅު" އެޅުވިފައިވާ ކަމަށް ބުނެ ކަންބޮޑުވުން

ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބޭނުންވާ މުހިންމު ބިލުތަކެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ތާށިވެ މަޖިލީހުގައި "މަރުތަޅު" އެޅުވިފައިވާ ކަމަށް ބުނެ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމުގެ ކަންބޮޑުވުން ފަޅުކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ދައުރު ނިމެން އަންނައިރު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަަށް މިހާރު މަޖިލީހުގައި ހުއްޓިފައިވާ ބިލުތައް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

"ބިލުތަކުގެ މަސައްކަތް ކުރިއަށްނުގޮސް މަޖިލިސް ޑެޑްލޮކަކަށް ދާން ކޮމިޓީތަކުގެ މަސައްކަތް ހުއްޓިފައި އޮތުމަކީ ސަރުކާރުގެ ކަންބޮޑުވުން އޮތްކަމެއް. ޑެޑްލޮކަކަށް ދާނަމަ ސަރުކާރުން ފިޔަވަޅު އަޅާނެ."
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލްތަކެއްގެ މަސައްކަތް ނުނިމޭތީ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް ވެސް މިފަހުންވަނީ ކަންބޮޑުވުންފާޅުކުރައްވައިފައެވެ. ފައްޔާޒް ކަންބޮޑުވުންފާޅުކުރެއްވީ އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލްގެ މަސައްކަތް ނުނިމި ލަސްވާތީއެވެ.

ފައްޔާޒް ވިދާޅުވީ އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި، އިގްތިސާދަށް ވަރަށް މުހިއްމު ދެ ބިލެއް ކަމަށެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ނަޝީދު އިސްވެ ހުންނަވައި ހުއްޓުވާފައިވަނީ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އީވާ އަބްދުﷲ ވަކިކުރުމަށް ހުށައެޅި މައްސަލައަށް ހުރަސްއަޅަން ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރެއެވެ.

ސަރުކާރުން މިފަދައިން ބުނިނަމަވެސް ޕާޓިތަކުން މަޝްވަރާކޮށްގެން ކޮމިޓީތައް އެކުލަވާލަން ގޮތެއް ހޯދުމަށް މި ހަފްތާގެ ބުދަދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވާފައެވެ.

ނަޝީދު ވިދާޅުވީ ޕާޓީތަކުން މެމްބަރުން ބަދަލުވާ މިންވަރު އިތުރުވެގެން ދާތީ ކޮންމެ ފަހަރަކުވެސް ކޮމިޓީތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. ކޮމިޓީތައް ހަމަޖެއްސުމުގެ މަސައްކަތް ވަކި ގޮތަކަށް ނިންމުމަކީ ބޭނުންތެރި މުހިންމު ކަމެއްކަމުގައި ނަޝީދު ތަކުރާރުކޮށް ވިދާޅުވިއެވެ.



More from vNews