ހުޅުމާލޭގައި މަގު ހުރަސް ބައްތި ބޭނުންކުރަން ފަށައިފި

Fri, 26 May 2023 10:45 PM

View on this article on vNews

ހުޅުމާލޭގައި މަގު ހުރަސް ބައްތި ބޭނުންކުރަން ފަށައިފި

ހުޅުމާލެގައި ފުރަތަމަ ފަހަރަށް "މަގުހުރަސް ބައްތި" ބޭނުންކުރަން ފަށައިފިއެވެ.

މި ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މަގުހުރަސް ބައްތި ނުވަތަ ޕެޑެސްޓްރިއަން ކްރޮސިންގ ލައިޓްތަކަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރުވެސް ބޭނުން ކުރެވެމުން އަންނަ ލައިޓްތަކެކެވެ. އަދި މި ލައިޓްތައް އާއްމުކޮށް ބަހައްޓަނީ ދުއްވާ އުޅަނދުތައް ހުއްޓުވައި، ހިނގާފައިދާ ގިނަ އަދަދެއްގެ މީހުންނަށް ރައްކާތެރިކަމާއެކު ހުރަސްކުރުމަށް ފަސޭހަކޮށްދިނުމަށެވެ.

މިކަމާގުޅޭގޮތުން އާބަންކޯއިން ބުނީ، މަގުހުރަސް ބައްތި ބެހެއްޓުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި، އަދި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޤާއިމު ކޮށްދިނުން ކަމަށެވެ. އަދި އޭގެ ސަބަބުން މަގު ހުރަސް ކުރާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށް އާބަންކޯއިން ބުނިއެވެ.

އެގޮތުން މިފަހަރު 8 ސަރަހައްދެއްގައި މަގުހުރަސް ބައްތި ހަރު ކުރުމަށް ހަމަޖެހިފައިވާއިރު، އާއްމުން އެންމެ ގިނައިން ބޭނުން ކުރާ ކަފި ހުރަސްތައް އަދި މަގު ހުރަސް ކުރުމަށް ބޭނުންކުރާ ސަރަހައްދުތައް ދެނެގަނެ އެ ކޯޕަރޭޝަނުން އިސްކަންދޭނެ ކަމަށް އާބަންކޯއިން ބުނިއެވެ.

ހުޅުމާލެ ހޮސްޕިޓަލް ކުރިމަތީގައި އެއް ލައިޓް އަދި ހިޔާ ސަރަހައްދުގައި އެއް ލައިޓް މިހާރު ބޭނުންކުރަން ފަށާފައިވާއިރު، އެއިން ކޮންމެ ލައިޓެއްގައި ވެސް ހުންނަ ބަޓަންއަށް ފިތާލުމުން، އަމަލުކުރަންވީ ގޮތުގެ އިންޑިކޭޝަން ފެނިގެންދާނެ ކަމަށް އާބަންކޯއިން މައުލޫމާތުދެއެވެ.

އެގޮތުން ރަތް ބޮކީގައި މަޑުކުރަން، އަދި ހިނގައިގަންނަންވީމައި އޭގެއިން ބުނެދޭނެއެވެ. އެ ބަޓަން އަށް ފިތާލުމުން ކަނޑައެޅިފައިވާ ވަކި ވަގުތެއްގެ ތެރޭގައި ހުރަސްކުރަން އިންޑިކޭޓް ކުރާއިރު، ހުރަސްކުރުމަށް ވެސް ވަކި ވަގުތެއް ލިބިގެންދާނެއެވެ.



More from vNews