ނައީމާގެ މަރު: މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި ހޯދައިފި

Fri, 26 May 2023 09:33 PM

View on this article on vNews

ނައީމާގެ މަރު: މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި ހޯދައިފި

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި ފުލުހުން ހޯދައިފިއެވެ.

މިކަން ހާމަކުރައްވާ ކޮމިޝަނާ އޮފް ފޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނައީމާ މޫސާ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ފެނިފައިވާ ކަމަށެވެ.

އަދި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު ވެސް އެ ހަތިޔާރުތަކާއިއެކު ފެނިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، ތަހުގީގަށް މުހިންމު ހެކިތަކެއް އަތިރިމަތީގައި ވަޅުލާފައި ހުރި ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ހޯދުމުގެ މަސައްކަތުގައި އެތަކެތި ފެނުނީ ވަޅުލާފައި ހުއްޓާ ކަމަށެވެ.

ސީޕީ ވިދާޅުވިގޮތުގައި، އެ ތަކެތި ވަޅުގަނޑެއް ތެރެއަށް އަޅާ، އަންދާލުމަށް ފަހު ފަސްއަޅާ ފޮރުވަން މަސައްކަތް ކޮށްފައި ހުއްޓެވެ.

ނައީމާ މާރާލިކަމުގެ ތަހުގީގަށް ބޮޑެތި ހެކިތަކެއް ފުލުހުން ހޯދާފައިވާއިރު، މި މައްސަލައިގައި މިއަދު ވަނީ ދެމީހަކު ހައްޔަރުވެސް ކޮށްފައެވެ.

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން އެކަކު ވަނީ ކުށަށް އިއުތިރާފުވެސް ވެފައެވެ.

އުމުރުން 62 އަހަރުގެ ނައިމާގެ ހަށިގަނޑު ފެނިފައިވަނީ، އޭނާގެ ހަބަރެއް ނުވެގެން ހޯދަމުންދިޔަތާ ދެދުވަސް ފަހުން، އޭޕްރިލް މަހުގެ 7ވަނަ ދުވަހު، އޭނާ ދިރިއުޅެމުންދިޔަ ގޭގެ ތެރެއިންނެވެ. ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން ނައީމާގެ މަރުގެ ތަހްގީގު ފުލުހުން ކުރިއަށް ގެންދަނީ ބަޔަކު ނުވަތަ މީހަކު އެނާ މަރާލާފައިވާ ކަމަށް ބަލައިގެންނެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ބައެއް މަސްދަރުތަކާ ހަވާލާދީ ރާއްޖޭގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނައީމާގެ ހަށިގަނޑުގެ 21 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ.



More from vNews