ނައީމާ މަރާލިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

Fri, 26 May 2023 07:21 PM

View on this article on vNews

ނައީމާ މަރާލިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި

ނ. މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާ މަރާލިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 62 އަހަރުގެ ނައިމާގެ ހަށިގަނޑު ފެނިފައިވަނީ، އޭނާގެ ހަބަރެއް ނުވެގެން ހޯދަމުންދިޔަތާ ދެދުވަސް ފަހުން، އޭޕްރިލް މަހުގެ 7 ވަނަ ދުވަހު، އޭނާ ދިރިއުޅެމުންދިޔަ ގޭގެ ތެރެއިންނެވެ.

ނައީމާ މޫސާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް އެރަށުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ހާއްސަ ތަހުގީގު ޓީމެއް ދަނީ ހަރަކާތްތެރި ވަމުންނެވެ.

މިމައްސަލައިގެ ތަހްގީގާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހްގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ.

އެގޮތުން ނައީމާ މޫސާ މަރާލިކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފައި ވާއިރު، އެމައްސަލައިގެ ތަހްގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުންދާކަންވެސް ސީޕީ ހާމަކުރެއްވިއެވެ.

ސީޕީ ވަނީ ނައީމާގެ މަރުގެ މައްސަލަ ތަހްގީގު ކުރުމުގެ ތަޖުތިބާކާރު އިންސްޕެކްޓަރ މުހައްމަދު ސާމިހު އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މިމަރުގެ ހަގީގަތް ހޯދައި އިންސާފު ގާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފާހަގަ ކުރައްވާފައެވެ.

ނައީމާގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް އެރަށުގައި ހަރަކާތްތެރިވާ ދިވެހި ފުލުހުންގެ ޓީމަށް ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ސީޕީ ވިދާޅުވިއިރު މަރުގެ ތަހުގީގު ލަސްކަމަށްބުނެ ގިނަ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ނައީމާގެ މަރަށް 50 ދުވަސް މާދަމާ ފުރޭއިރު މިއީ އެމައްސަލައިގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.

ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން ނައީމާގެ މަރުގެ ތަހްގީގު ފުލުހުން ކުރިއަށް ގެންދަނީ ބަޔަކު ނުވަތަ މީހަކު އެނާ މަރާލާފައިވާކަމަށް ބަލައިގެންނެވެ.

ނައީމާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާކަން ފުލުހުން ހާމަކޮށްފައިވާއިރު، ބައެއް މަސްދަރުތަކާ ހަވާލާދީ ރާއްޖޭގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނައީމާގެ ހަށިގަނޑުގެ 21 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ.



More from vNews