ކުދި ގައުމުތަކަށް ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް އެހީ ބޭނުންވޭ: ރަމީލާ

Mon, 21 Oct 2024 10:39 PM

View on this article on Vaguthu

ކުދި ގައުމުތަކަށް ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް އެހީ ބޭނުންވޭ: ރަމީލާ

ރާއްޖެފަދަ ކުދި ގައުމުތަކުން ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ ފުރިހަމަ އެހީތެރިކަން ބޭނުންވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްހެއެވެ.



އިޓަލީގެ ވެރިރަށް ރޯމްގައި މިމަހުގެ 21 އިން 25އަށް ކުރިއަށް ގެންދާ ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ ބައްދަލުވުމުގައި ހިމެނޭ ފޯރަމްތަކުގެ ތެރެއިން ''ކޯޑިނޭޓެޑް ޕޮލިސީ ރިސްޕޯންސަސް ޓު ފުޑް ކްރައިސިސް – ދަ ސްޓޭޓް އޮފް ދަ ފުޑް ސެކިޔުރިޓީ އެންޑް ނިއުޓްރިޝަން އިން ދަ ވޯލްޑް" ފޯރަމްގައި ވަޒީރުގެ ވާހަކަފުޅު ބައްޓަންކުރައްވާފައިވަނީ ދުނިޔެއިން ބަނޑުހައި ހޫނުކަން ނައްތާލުމަށާއި، ފޯރުކޮށްދެވޭ ކާނާއަކީ އިންސާނާ ދިރިހުރުމަށް ބޭނުންވާ ނިއުޓްރިޝަން ހިމެނޭ ކާނާކަން ކަށަވަރު ކުރުމަށް ޤައުމީ ފެންވަރުގަޔާއި، ސަރަޙައްދީ ފެންވަރުގައި އަދި ބައިނަލްޢަޤްވާމީ ފެންވަރުގައި މަސައްކަތް ކުރުމަށް ހަދަންޖެހޭ ސިޔާޞަތުތައް ހެދުމަށް މި ކޮމިޓީއިން ހަދާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ މަސައްކަތްތައް ބައްޓަންކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދިމާވާ ހުރަސްތަކަށެވެ.

ވަަޒީރު ވިދާޅުވީ، ރާއްޖެއަކީ އިމްޕޯޓްކުރާ ކާބޯތަކެއްޗަށް ބަރޯސާވަމުން އަންނަ ގައުމެއް ކަމަށާއި، މިގޮތުގައި ދެމިތިބުމަކީ ހައްލެއް ނޫން ކަމަށެވެ. އަދި ރާއްޖެއަކީވެސް މުސްތަގްބަލުގައި ކާނާގެ ޔަގީންކަން ކަށަވަރުވެފައިވާ ގައުމަކަށް ހެދުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ކާނާގެ ނިޒާމު މިހާރު ބައްޓަންވެފައިވާ ގޮތް ބަދަލު ކުރަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށާއި، ރާއްޖޭގެ ދަނޑުވެރި އުފެއްދުންތެރިކަން ހަމައެކަނި ޒަމާނީ މަސައްކަތްތަކަކަށް ބަދަލުވާންވީ ނޫން ކަމަށެވެ. އަދި އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަކީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކުރެވޭ މަސައްކަތްތަކަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"ރައިޓް ޓު ފުޑް" ގައިޑްލައިންގައިވާ ކަންކަން އެންމެ ފުރިހަމައަށް ހާސިލް ކުރުމަށް ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ގޮތުގައި ވަޒީރު ފާހަގަކުރައްވާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާއި، ދަނޑުވެރިކަމުގެ މަސައްކަތްތައް ފުޅާކުރުމަށް އެކަށީގެންވާ މިންވަރަށް ބިން ލިބުން ދަތިވުމާއި ދުނިޔޭގައި ހިނގާ ހަނގުރާމަތަކާއި ބަލިމަޑުކަންފަދަ ކަންކަމުން ދުނިޔެއަށް އަންނަ ކުއްލި ބަދަލުތައް ހިމެނެއެވެ.

ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމުގައި އާބަން ގާޑްނިން، ސްކޫލް ގާޑެނިން އަދި ކޮމިޔުނިޓީ ގާޑެނިންފަދަ ދަނޑުވެރިކަމުގެ އީޖާދީ ގޮތްތައް ތަޢާރަފްކޮށް އެކަންކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި ދަނޑުވެރިކަމުގައި ބޭނުންކުރާ ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމާއި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އަގު އެއްކުރުމުގައި އާއި ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރުމަށް ހިނގާ ހޭދަ ކުޑަކުރުމަށް ގައުމީ ފެންވަރުގައި ކުރާ ހޭދަ އިތުރުކުރަންޖެހޭކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އަދި މައުލޫމާތު ބަދަލުކުރުމާއި ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަމާއި ވަސީލަތްތަކާއި ދަނޑުވެރިކަމުގެ އީޖާދީ ގޮތްތައް އެދެވޭ ގޮތެއްގައި ހިއްސާކޮށްދެވޭނަމަ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް މިހާރު ދިމާވަފައިވާ ގޮންޖެހުންތައް ނައްތާލުމަކީ އުނދަގޫކަމަކަށް ނުވާނެ ކަަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.



More from Vaguthu