ބާ ކައުންސިލްގެ އެކްސްކޯއަށް އަބްދުއްސަލާމް އާރިފް އިންތިހާބުކޮށްފި

Mon, 21 Oct 2024 07:49 PM

View on this article on Vaguthu

ބާ ކައުންސިލްގެ އެކްސްކޯއަށް އަބްދުއްސަލާމް އާރިފް އިންތިހާބުކޮށްފި

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަގާމަށް ކުރީގެ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް އިންތިހާބު ކުރައްވައިފިއެވެ.



މި މަގާމަށް އިންތިޚާބުކުރެވޭ މެންބަރުގެ ދައުރަކީ 3 އަހަރު ދުވަހެވެ.

މިއަދު އޮތް ބާ ކައުންސިލްގެ އިންތިހާބުގައި ޖުމްލަ 248 ވަކީލުން ވޯޓުލެއްވިއިރު، މި އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި ވަކީލުންގެ ތެރެއިން 747 ވަކީލަކު ވޯޓުލައްވާފައެއް ނުވެއެވެ.

އަބްދުއްސަލާމް އެ މަގާމަށް އިންތިހާބު ކުރަައްވަން ވޯޓު ދެއްވީ 140 ވަކީލުންނެވެ. އޭނާ މަގާމަށް އިންތިހާބު ކުރައްވަން ނުފެންނަ ކަަމަށް 108 ވަކީލަކު ވޯޓު ދެއްވާފައި ވެއެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންނަކީ ގާނޫނީ ފަންނު ކުރިއަރުވައި، އަންނަން އޮތް ޖީލުތަކުގެ ޤަނޫނީ ވަކީލުންނަށް ފުރުސަތުފަހިކޮށްދީ، ވަކީލުން ބާރުވެރިކުރުވުމަށާއި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ ޒިންމާ ޤާނޫނީގޮތުން މަތިކޮށްފައިވާ ފަރާތްތަކެކެވެ.

ކުރިން ބާ ކައުންސިލް އެކުލެވިގެންވަނީ ވަކީލުން އިންތިހާބުކުރާ ކައުންސިލުގެ ރައީސް، ނައިބު ރައީސްގެ އިތުރުން ހިންގާ ކޮމިޓީއަށް އިންތިހާބުކުރާ 6 މެންބަރުންނާއި ބަންޑާރަ ނައިބު ހިމެނޭ ގޮތަށެވެ. ނަމަވެސް ގާނޫނީ ފަންނުގެ ގާނޫނަށް ގެނެވުނު 3 ވަނަ އިސްލާހާއި ގުޅިގެން އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު ހިމެނުން އުނިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާ ގުޅިގެން މިހާރު އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވަނީ އަށް މެންބަރުންނެވެ.

މިއަދު އެ ކޮމެޓީއަށް އިންތިހާބު ކުރެއްވި މެންބަރާއެކު، އެ ކޮމެޓީގައި އެކްސްކޯގައި ތިއްބަވާ މެންބަރުންގެ އަދަދު 9 އަށް އަރާނެއެވެ.



More from Vaguthu