އަންނަ ނޮވެމްބަރުގައި ބާއްވާ ކޮޕް 29 ސަމިޓަށް ރާއްޖެއިން ތައްޔާރީތައް ފަށައިފި

Thu, 17 Oct 2024 11:47 PM

View on this article on Vaguthu

އަންނަ ނޮވެމްބަރުގައި ބާއްވާ ކޮޕް 29 ސަމިޓަށް ރާއްޖެއިން ތައްޔާރީތައް ފަށައިފި

އަންނަ ނޮވެމްބަރު މަހު އަޒަރުބައިޖާންގައި ބާއްވާ ކޮޕް 29 ސަމިޓުގައި ރާއްޖެއިން ބައިވެރިވުމަށް ތައްޔާރީތައް ސަރުކާރުން ފަށައިފިއެވެ.



ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް ވިދާޅުވީ އެންމެ ފަހުން ބޭއްވި ސަމިޓުގައި ރާއްޖެއިން ބައިވެރިވެ ކާމިޔާބީތައް ހާސިލް ކުރެވުނު އިރު، މިއަހަރުގެ ކޮޕް ސަމިޓުގައި ބައިވެރިވުމަށް ރާއްޖެއިން މިހާރު ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.

"ކުރިއަށް މިއޮތް އަޒަރުބައިޖާންގެ ބަކޫގައި މިއޮންނަ ކޮޕް 29 ގައި ރާއްޖެއިން ބައިވެރިވާނެ. ރާއްޖެއިން ބައިވެރިވެ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ އެންމެ ބޮޑު ކޮންފަރެންސް އެއީ. ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން." ތޯރިގު ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ މިފަހަރުގެ ކޮންފަރެންސްގައި ހަތަރު ސައިޑް އިވެންޓެއް ރާއްޖެއިން ބާއްވާނެ ކަމަށެވެ. އެގޮތުން އޭޑީބީއާ ގުޅިގެން ބާއްވާ އިއާދަކުރުވަނިވި ހަކަތައިގެ ސައިޑް އިވެންޓަކާއި، އެޓޯލް ނޭޝަންގެ ޗެއާގެ ހައިސިއްޔަތުން ސަސްޓެއިނަބަލް ކޮރަލް ރީފްގެ މެނޭޖްމަންޓާއި ގުޅޭ ސައިޑް އިވެންޓެއް ބޭއްވިގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެއާއެކު މިފަހަރު ބާއްވާ ކޮޕް 29 ސަމިޓުގައި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ކްލައިމެޓް އެޑަޕްޓޭޝަން މިނިސްޓީރިއަލް ޗެމްޕިއަންގެ ހައިސިއްޔަތުން ވެސް ރާއްޖެ އިން މަސައްކަތްކުރާނެ ކަމަށާއި ލޮސް އެންޑް ޑަމޭޖް ފަންޑަށް ފައިސާގެ ކޮންޓްރިބިއުޝަން އިތުރުކުރުމަށް ރާއްޖެއިން ވަކާލާތު ކުރާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އަދި ފަހު ސައިޑް އިވެންޓެއްގެ ގޮތުގައި ރާއްޖެއިން ބައިނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓް ލޯންޗުކުރުމަށް ހަމަޖެހިފައިވާ ކަމަށް ތޯރިގު ވިދާޅުވިއެވެ.

"މިވެސް ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ކޮޕެއްގައި އެންމެ ގިނައިން ސައިޑް އިވެންޓު ބޭއްވިގެންދާ އެއް ކޮޕަށް." ތޯރިގު ވިދާޅުވިއެވެ.

ކޮޕް ސަމިޓް 29 ވަނަ ބައްދަލުވުން މިއަހަރު ނޮވެމްބަރު މަހު 11 އިން 22 ގެ ނިޔަލަށް އަޒަރްބައިޖާންގެ ވެރިރަށް ބާކޫގަ ބާއްވަން ވަނީ ހަމަޖެހިފައެވެ. މިއީ އދ. އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ސަމިޓެކެވެ.

އެންމެ ފަހުން ބޭއްވުނު ކޮޕްގައި ރާއްޖެ މިވަނީ ކޯލިޝަން ފޯ އެޓޯލް ނޭޝަން އޮން ކްލައިމެޓް ޗޭންޖު (އެންސީސީގެ) ޗެއާމަންޝިޕްކަންވެސް ހަވާލުވެފައެވެ. އެންސީސީގެ ޗައާމަންޝިޕްކަމާއި ހަވާލުވުމަށްފަހު ކޭންސީސީ ޕިއަރ ލާނިންގ ވޯކްޝޮޕް ރާއްޖޭގައި ވަނީ ބާއްވާފައެވެ.



More from Vaguthu