ސެޕްޓެމްބަރު މަހު ރާއްޖެ-ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފަށަނީ

Sat, 27 Jul 2024 12:38 PM

View on this article on Vaguthu

ސެޕްޓެމްބަރު މަހު ރާއްޖެ-ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފަށަނީ

ރާއްޖެ އާއި ޗައިނާއާ ދެމެދު ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއައި) އަށް އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަަމަށް ރައިސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ރާއްޖޭގެ 59 ވަނަ މިނިވަން ދުވަސް ފާހަގަކުރަންސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ޗައިނާއެކު ވެފައިވާ އެފްޓީއޭއަށް އަންނަ ސެޕްޓެމްބަރު މަހު އަމަލު ކުރަން ފަށާނެ ކަމަށާއި އޭރުން ނުވަ ސެކްޓަރެއްގެ ޖުމުލަ 7897 އައިޓަމަކުން ޑިއުޓީ އުނިވެގެންދާނެ ކަމަށެވެ. އެގޮތުން ޑިއުޓީ އުނިވެގެންދާ ބާވަތްތަކުގެ ތެރޭގައި 298 ބާވަތަކީ މަސްވެރިކަމުގެ ބާވަތްތައް ކަމުގައި ރައީސް ވިދާޅުވިއެވެ.

"ޗައިނާގެ އެފްޓީއޭ ތަންފީޒުކުރަން މި ސެޕްޓެމްބަރު މަހު ތެރޭގައި، މިހާރު އެ ހިނގަނީ ޤާނޫނީ މަރުހަލާ ނިމިގެން ގޮސް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ އެފްޓީއޭ ތަންފީޒު ކުރަން ފެށޭނެ." ރައީސް ވިދާޅުވިއެވެ.

އެ ބާވަތްތައް ޗައިނާއަށް ފޮނުވުމުގައި ޓެކްސް ދައްކާން ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ތުރުކީ އާއި އިނގިރޭސި ވިލާތާއެކު ވެސް އެފްޓީއޭއަކަށް ދިޔުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އުއްމީދަކީ އިންޑިއާއެކު ވެސް އެފްޓީއޭގައި ސޮއިކުރެވުން ކަމަށެވެ.

އެގޮތުން، ތުރުކީއާއެކު އެފްޓީއޭގައި ސޮއިކުރުމުން ރާއްޖޭން އެ ގައުމަށް ބޭރުކުރާ 53 ބާވަތަކަށް ޑިއުޓީގެ ލުއި ލިބޭނެ ކަމަށާއި ބައެއް ބާވަތްތަކުން ޑިއުޓީ އެއްކޮށް އުނިވާނެ ކަމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިއީ ފަރުދީ ލެވެލެއްގައި ކުންފުނިތަކަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން، ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް ޓަކައި ޗައިނާ އާއި އިންޑިއާއާއެކު "ކަރަންސީ ސްވޮޕް" އެއްބަސްވުމަކަށް ދިޔުމުގެ މަސައްކަތް ކުރައްވާ ކަމަށް ރައިސް ވަނީ ވިދާޅުވެފައެވެ.

"ޗައިނާ އިންޑިއާ އެކީގައި ކަރަންސީ ސްވޮޕް އެއްބަސްވުންތަކަކަށް ދެވޭތޯ މަސައްކަތް މިކުރަނީ. އޭރުން ދެގައުމުގެ ވިޔަފާރިތަކަށް ވެސް ޑޮލަރުގައި ނުޖެހި ވިޔަފާރި ކުރެވި ޑޮލަރުގެ މިއޮތް ދަތިކަން ކުޑަވެގެން ދިޔުމުގެ މަގުފަހިވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރާއްޖެ އާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އެ ގައުމުން ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ޑިސެމްބަރު 18، 2014 ގައެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަމުން ދަނިކޮށް އެ އެއްބަސްވުމަށް ރުހުންދީ، އެކަން ކުރިއަށް ގެންދަން މަޖިލީހުން ފާސްކުރީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް މަޖިލިހުން ނޮވެމްބަރު 29، 2017 ގައެވެ.

ކުރީގެ ސަރުކާރުގައި ތިއްބެވި އޭރުގެ އިދިކޮޅު ބޭފުޅުން އެންމެ ބޮޑަށް ފާޑުކިޔަމުން ދިޔައީ އެފްޓީއޭގެ ސަބަބުން ރާއްޖެއަށް ފައިދާ ނުވާނެ ކަމަށް ބުނެއެވެ. އެހެންވެ، މިދިޔަ ސަރުކާރުން އެ އެއްބަސްވުން ތަންފީޒުކޮށްފައެއް ނުވެއެވެ.



More from Vaguthu