އިންޓްރެސްޓު ރޭޓް ކުޑަކޮށް ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޯބަރު މަހު ދޫކުރަނީ

Sat, 27 Jul 2024 12:09 PM

View on this article on Vaguthu

އިންޓްރެސްޓު ރޭޓް ކުޑަކޮށް ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޯބަރު މަހު ދޫކުރަނީ

ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އިންޓްރެސްޓް ރޭޓް ކުޑަކޮށް ގެދޮރުވެރިކަމުގެ ލޯނު އަންނަ އޮކްޓޯބަރު މަހުން ފެށިގެން ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އިންޓަރެސްޓް ރޭޓް 5 އިންސައްތައަށްވުރެ ބޮޑު ނުވާ ގޮތަށް އަންނަ އޮކްޓޯބަރު މަހުން ފެށިގެން ގެދޮރުވެރިކަމުގެ ލޯނުތައް ދޫކުރަން ފައްޓަވާނެ ކަމަށެވެ.

"އަޅުގަނޑު ފުރިހަމަ ޔަޤީންކަމާއެކީ މިތާ މި އިއުލާންކުރަނީ އެންމެ މުހިންމު މައްސަލަ ގެދޮރުގެ މައްސަލައަށް ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ވެސް ކޮންމެ ރައްޔިތަކަށް ވެސް ނެގޭނެ ލުއި 5 ޕަސެންޓު އިންޓަރެސްޓުގެ ލޯނު ދޫކުރުން މި އޮކްޓޯބަރު މަހު ތެރޭ ފެށޭނެ." ރައީސް ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ މިސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީގެން ކުރިޔަށް ގެންދާ ސިޔާސަތެކެވެ. އެހެންކަމުން މި މައްސަލައަށް ހައްލު ހޯދުމަށް ގެދޮރުވެރިކަމުގެ ލުއި ލޯނު ތައާރަފްކޮށް ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށް ވެސް ނެގޭގޮތަށް ދޫކުރާ އެ ލޯނުތައް ދޫކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއްހެން މިހާރު ނިމިފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އެ ލޯނުތަކުގެ ސަބަބުން ގެދޮރު އަލަށް އިމާރާތްކުރުމަށާއި، މަރާމާތުކުރުމަށާ އަދި ހަދަން ފަށައި ނުނިމި ހުރި ބައި ނިންމުން ފަދަ ކަންކަން ކުރެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގެ ތެރެއިން 3 ގިންތިއެއްގައި ލޯނު ދޫކުރެވޭނެކަމަށާއި އެއީ މާލެ ސިޓީގައި 6 މިލިޔަން ރުފިޔާއާ ހަމައަށް އަދި އާބަން ސެންޓަރުތަކުގައި 3 މިލިޔަން ރުފިޔާއާ ހަމައަށް އަދި އެހެން ރަށްރަށުގައި 1 މިލިޔަން ރުފިޔާއާ ހަމައަށް ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ދެންނެވިން 5 ޕަސެންޓަށްވުރެ ބޮޑު ނޫން އިންޓަރެސްޓް ރޭޓުގައި ލޯނު ދޫކުރާން ފަށާނަމޭ، މީގެ ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް ނިމިއްޖެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދާދި ފަހުން ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެވުނު މަސައްކަތުގެ ނަތީޖާ ވަރަށް ފޮނި ކަމަށާއި ޗައިނާގެ އެކިކަހަލަ ލުއި ލޯނުތަކުގެ އެހީގައި މި ދައުރުގެ ތެރޭގައި ރަސްމާލޭގައި އެކަނި ވެސް އެކި ކަހަލަ 30 ހާސް ހައުސިންގ ޔުނިޓް އަޅާނެ ކަމަށެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ހަމައެއާއެކު މާލެ ސަރަހައްދުގެ ގެދޮރުވެރިކަމަށް ބޭނުންވާ ބިންތައް ގުޅައިލުމަށް ބާކީ އަޅަންޖެހޭ ދެ ބުރިޖުގެ މަސައްކަތް ކުރުމަށް އެހީ ހޯދާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ކުރިޔަށްދާ ބުރިޖު އެޅުމުގެ މަޝްރޫޢުގައި ގިރާވަރުފަޅާއި ގުޅުވާލުމާއި ގިރާވަރު ފަޅުން އުތުރުތިލަފަޅަށް ގުޅުވާލުން ނުހިމެނޭކަން ފާހަގަކުރައްވައި އެ ދެތަނާ ގުޅުވާލާ ބުރިޖު އެޅުމަށް މިހާރު ވަނީ ޕްރޮޕޯސަލް ހުށަހެޅުމަށް ހަވާލުކުރެވިފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ އެ ދެ ބުރިޖުގެ މަސައްކަތް ވެސް 2026 ވަނަ އަހަރު ފަށައި 2029 ވަނަ އަހަރުގެ ނިޔަލަށް އުތުރުތިލަފަޅާ ހަމައަށް ބުރިޖުން ގުޅާލުން ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. ބުރިޖު އުތުރުތިލަފަޅާ ހަމައަށް ގެންދަންޖެހެނީ، އުތުރު ތިލަފަޅަކީ އިޤްތިޞާދު ފުޅާކުރުމަށް ކުރެވޭ މަސައްކަތުގައި ހިމެނޭ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢު ކުރިޔަށްގެންދާ ތަންކަމުގައި ވާތީކަން ރައީސް ފާހަގަކުރެއްވިއެވެ.



More from Vaguthu