ދައުލަތަށް ލިބެންޖެހޭ 13 ބިލިޔަން ރުފިޔާ ލިބުމުން ދަރަނީގެ މައްސަލަ ހައްލުވާނެ: ރައީސް

Sat, 27 Jul 2024 10:09 AM

View on this article on Vaguthu

ދައުލަތަށް ލިބެންޖެހޭ 13 ބިލިޔަން ރުފިޔާ ލިބުމުން ދަރަނީގެ މައްސަލަ ހައްލުވާނެ: ރައީސް

ދައުލަތަށް ލިބެންޖެހޭ 13 ބިލިއަން ރުފިޔާ ލިބުމުން ޤައުމު ވެއްޓިފައިވާ އަނދަވަޅުން އަރައިގަނެވި ދަރަނީގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށާއި އެ ފައިސާ ހޯއްދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ރައީސް މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ. އެމަނިކުފާނު ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ 13 ބިލިޔަން ރުފިޔާ އެބަހުރި ކަމަށާއި އެފައިސާ ހޯދުމަށް މީގެ ކުރިން އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ. އެ ފައިސާއަކީ ގާނޫނީ ގޮތުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށާއި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބިން ކުއްޔަށް ދީގެން އެކަނިވެސް 513 މިލިއަން އެމެރިކާ ޑޮލަރު ދައުލަށް ލިބެންޖެހި ނުލިބި އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

"ގާތްގަނޑަކަށް ތޭރަ ހާސް މިލިއަން، 13 ބިލިއަން ރުފިޔާގެ ފައިސާ މި ހުރީ ނުހޯދާ. ހޯދާކަށް ނޫޅެ. އެ ފައިސާ އެކަނި ހޯދިޔަސް އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ހައްލުވީ، އިރާދަކުރެއްވިއްޔާ އެ ފައިސާ ހޯދާނަން." ރައީސް ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ބިން ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ އިތުރުން ކުރީ ސަރުކާރުގައި ޓީޖީއެސްޓީގެ ގޮތުގައި 102 މިލިއަން އެމެރިކާ ޑޯލަރު ދައުލަތަށް ނުލިބި އެބަ ހުރި ކަމަށެވެ. ހަމައެއާއެކު ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ މިދިޔަ ސަރުކާރުތަކުން ދައުލަތަށް ނުހޯދާ ހުރި ކަމަށާއި ކޯޕަރޭޓިވް އިންކަމް ޓެކްސްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ނުޙޯދައި ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އެ ފައިސާ ހޯދުމަށް ޓަކައި މި ސަރުކާރުން ގިނަ މަސައްކަތްތައް ކުރައްވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ވަރަށް ގިނަ ފަރާތްތަކަށް ސިޓީ ފޮނުވުމުން މިހާރު ފައިސާ ދައްކަން ފަށާފައިވާ ކަމަށެވެ. މި ހުރިހާ ފައިސާއެއް ދައުލަތަށް ލިބިއްޖެނަމަ ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތައް ދައްކައި ދަރަނީގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތާއި އެހެނިހެން ވައްކަންތަކުން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން މި ސަރުކާރުން ފާއިތުވީ 8 މަސް ދުވަހު ކުރި މަސައްކަތުން މިދިޔަ ހަފުތާ ތެރޭގައި ވެސް އެ ފައިސާގެ ތެރެއިން ބައެއް ދައުލަތަށް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކޯޓަށް ދާން ޖެހުނަސް އެކަން ފަސްނުޖެހި ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

"އެމްއެމްޕީއާރުސީގެ ފައިސާ ހޯދުމަށް ޚާއްސަކޮށް އަދި ޖުމްލަކޮށް ފައިސާ ހޯދުމުގެ އެސެޓް ރިކަވަރީ ގާނޫނެއް ތައާރަފުކުރާނަން. އެކަމުގެ މަސައްކަތްތައް އެދަނީ ކުރެވެމުން،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ރަނގަޅު ގަވަނަންސް ނިޒާމެއް ގާއިމުކުރުމަށްޓަކައި ކޮރަޕްޝަން ނައްތާލުމަކީ މުހިންމު ކަމެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި، ދުވަހަކު ރާއްޖޭގައި ނުކުރާ ފެންވަރަށް ކޮރަޕްޝަން ނައްތާލުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



More from Vaguthu