ގައުމީ ނިޝާން ވެއްޓުނަ ނުދެއްވި، ރައީސްގެ ހުޝިޔާރުކަމާއެކު މާނަ ފުން މަންޒަރެއް!

Sat, 27 Jul 2024 09:39 AM

View on this article on Vaguthu

ގައުމީ ނިޝާން ވެއްޓުނަ ނުދެއްވި، ރައީސްގެ ހުޝިޔާރުކަމާއެކު މާނަ ފުން މަންޒަރެއް!

ރޭ ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިނާމާއި ހަނދާނީ ފިލާ ހަވާލުކުރެއްވުމުގެ ތެރޭގައި ހިނގައި ދިޔަ ކަމަކަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.



ހަނދާނީ ފިލައާއެކު ހުއްޓިވަޑައިގެން ފޮޓޯ ނެންގެވުމަށްފަހު، އެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅެެއްގެ އަތްޕުޅަށް ރައީސް ހަނދާނީ ފިލާ ހަވާލުކުރައްވަން އުޅުއްވުމުގެ ތެރޭގައި އިނާމު ލިބިވަޑައިގަތް ބޭފުޅާއަށް ރަނގަޅަށް އޭގައި ނުހިފި، ފިލާ ވެއްޓެން އުޅުމުން ރައީސް ކުއްލިއަކަށް ހަރަކާތްތެރިވެ، އެ ފިލާ ވެއްޓުނަނުދީ ހިފެހެއްޓެވިއެވެ.

އެެފަދަ ހާލަތްތަކުގައި ހަލަވި ހަރަކާތްތަކާއި އަވަސް ވިސްނުމަކީ އާދައިގެ ކޮންމެ އިންސާނެއްގެ ވެސް ހުންނާނެ ގާބިލު ކަމެކެވެ. ނަމަވެސް، ދިވެހީންނަށް ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ފަރާތުން އެފަދަ ހަރަކާތްތެރިކަމެއް މީގެ ކުރިން ފެނިފައި ހުރީ ވަރަށް ވެސް މަދުންނެވެ.

މި ވީޑިއޯ މީސް މީޑިއާގައި ހިއްސާ ކުރަމުންދާ ގިނަ މީހުން ދަނީ ހާލަތާއި އެއްގޮތަށް ރައީސް ހަރަކާތް އަވަސް ވުމުން ތައުރީފު ކުރަމުންނެވެ. އަދި އެ މަންޒަރަކީ ގައުމު މިހާރު އޮތް ހާލަތާއި ވެސް ގުޅޭ ވަރަށް މާނަ ފުން މަންޒަރެއް ކަމަށް ވެސް ބައެއް މީހުން ސިފަ ކުރަމުންދެއެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ދުވަސް ހޭދަ ކުރައްވަމުން ގެންދަވަނީ ކުރީގެ މާލީ ސިޔާސަތުތަކުގެ ސަބަބުން ދައުލަތަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތި ހާލަތުން އަރައިގަތުމަށެވެ. ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ދައުލަތް އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައެވެ. އަދި ކުރީގެ ސަރުކާރުން ފައިސާ ޗާޕުކޮށްގެން ހަރަދުތައް ހަމަޖެއްސި ސިޔާސަތު އެމަނިކުފާނު ނިމުމަކަށް ގެނައުމާއެކު ދައުލަތުގެ އާމްދަނީ ދެކޮޅު ޖައްސަން އެހެނިހެން ގޮތްތައް ވެސް ދަނީ ހޯއްދަވަމުންނެވެ.

ދައުރުވަމުންދާ ވީޑިއޯކޮޅު ހިއްސާ ކުރާ ބައެއް މީހުން ދެކޭ ގޮތުގައި، ރައީސްގެ ހުޝިޔާރުކަމާއި ގައުމުގެ ހާލަތާއި ވެސް ގުޅުމެއް އެބަ އޮތެވެ. އެ މަންޒަރު މާނަ ފުން ވަނީ، ރައީސްގެ "އަތްޕުޅުގައި ގައުމުު ރައްކާތެރި ކަމަށް" ދޭހަވާތީ ކަމަށް ދެކެއެވެ.

އެމަނިކުފާނު ވެއްޓުނަ ނުދީ ހިފެހެއްޓެވީ ގައުމީ ނިޝާން ބޮޑުކޮށް ޖަހާފައި އޮތް ހަނދާނީ ފިލައެކެވެ. ހަމަ އެގޮތަށް، ގައުމު ވެސް "ވެއްޓުނަ ނުދެއްވާނެ" ކަމަށް ވީޑިއޯ ހިއްސާ ކުރި މީހަކު ފޭސްބުކުގައި ލިޔުނެވެ.

އެ ވީޑިއޯ ހިއްސާކުރައްވަމުން ދިވެހިބަހުގެ އެކެޑެމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ފޭސްބުގައި ލިޔުއްވީ، ރައީސް ވަރަށް ވެސް ހުޝިޔާރު ކަމަށާއި އެ މަންޒަރަކީ ވަރަށް މާނަ ފުން "އެތައް ހާސް މެސެޖަކާއި ވާހަކައެއް ކިޔައިދޭ މަންޒަރެއް" ކަމަށެވެ.

ރޭގެ ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 138 ބޭފުޅަކަށް ރައީސް ޝަރަފުުގެ ބެޖާއި އައްޑަނަ ހަވާލުކުރެއްވިއެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 138 ބޭފުޅުންގެ ތެރޭގައި ހިމެނެނީ 30 އަންހެން ބޭފުޅުންނާއި 108 ފިރިހެން ބޭފުޅުންނެވެ.



More from Vaguthu