ދީމާ ހޯދި ކާމިޔާބީ އަށް ރައީސް އާއި ހާރިޖީ ވަޒީރު މަރުހަބާ ވިދާޅުވެއްޖެ

Wed, 15 May 2024 09:29 PM

View on this article on Vaguthu

ދީމާ ހޯދި ކާމިޔާބީ އަށް ރައީސް އާއި ހާރިޖީ ވަޒީރު މަރުހަބާ ވިދާޅުވެއްޖެ

ދެކުނު އޭޝިއާ ކޮލިފިކޭޝަންސްގެ ސިންގަލްސް ރަންވަނަ ހޯދާ ޓީޓީގެ ތަރި ފާތިމަތު ދީމާ އަލީ، އޮލިމްޕިކްސް އަށް ކޮލިފައިވުމާއި ގުޅިގެން ރައީސް، ޑރ. މުހައްމަދު މުއިއްޒު އާއި ހާރިޖީ ވަޒީރު މޫސާ ޒަމީރު ދީމާ އަށް މަރުހަބާ ދަންނަވައިފިއެވެ.



ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ ދިވެހި ކުޅިވަރަށް ތާރީހީ ދުވަހެއް ކަމަށާއި ޓޭބަލް ޓެނިހުން ދީމާ ހޯދަމުންދާ ކާމިޔާބީތަކާއިއެކު މުޅި ގައުމު ފަހުރުވެރިކޮށްދީފައިވާ ކަމަށެވެ. ރައީސް ވަނީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ އޮލިމްޕިކްސް މުބާރާތުގައި ދީމާއަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ދީމާ ހޯދި ކާމިޔާބީއާއި ގުޅިގެން ވަޒީރު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ކަތަމަންޑޫގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ރީޖަނަލް ކޮލިފިކޭޝަންގެ އަންހެން ސިންގަލްސް އިން އެއްވަނަ ހޯދާ ޕެރިސްގައި އޮންނަ އޮލިމްޕިކްސް 2024 އަށް ކޮލިފައިވެފައިވާތީ ދީމާ އަށް މަރުހަބާ ކިޔާ ކަމަށާއި ދީމާ އަކީ ދިވެހި ތާރީހުގައި ވެސް އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ދިވެހި އެތުލީޓުކަން ފާހަގަކޮށް ދިވެހި ގައުމު ފަހުރުވެރިވާ ކަމަށް ވިދާޅުވެފައެވެ.

އަދި އޮލިމްޕިކްސް ގައި ދީމާ އަށް ރަނގަޅު ކާމިޔާބީ އަކަށް އުއްމީދު ކުރައްވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދީމާ-- ފޮޓޯ: ގޫގަލް

މިއަހަރު ފްރާންސްގެ ޕެރިހުގައި އޮންނަ އޮލިމްޕިކްސް އަށް ދީމާ ކޮލިފައިވެފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ކޮލިފައިން ބުރުގައި އަންހެން ސިންގަލްސް އިން ރަން މެޑަލް ހޯދައިގެންނެވެ. ނޭޕާލުގައި ކުރިއަށް ދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ދީމާ ހޯދާފައިވަނީ މިއަދު މެންދުރު ފަހު، ކޮލިފިކޭޝަނުގެ ފައިނަލުގައި ސްރީ ލަންކާގެ ބަންޑާރާ ބިމަންދީ އާ ދެކޮޅަށް ކުޅެގެންނެވެ. މި މެޗު ދީމާ ކާމިޔާބުކުރީ 1-4 ސެޓުންނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓު ދީމާ ކާމިޔާބުކުރީ 11-8 އިންނެވެ. ދެ ވަނަ ސެޓު ލަންކާގެ ބަންދަރާ ވަނީ 11-7 އިން ކާމިޔާބު ކުރިއިރު ތިންވަނަ ސެޓު ދިޔައީ ވަރަށް ވާދަވެރިކޮންނެވެ. މި ސެޓު ދީމާ ގެންދިޔައީ ސެޓުގެ ފަހު ވަގުތު ދެއްކި ތަފާތު މޮޅު ކުޅުމުންނެވެ. މި ސެޓު ދީމާ ކާމިޔާބުކުރީ 11-13 އިންނެވެ. ހަތަރުވަނަ ސެޓުގައިވެސް ދީމާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. އިތުބާރާއިއެކު ކުޅެމުންދިޔަ ދީމާ މި ސެޓު ކާމިޔާބު ކޮށްފައިވަނީ 11-7 ގެ ނަތީޖާ އަކުންނެވެ. އަދި ފަހު ސެޓުގައިވެސް ދީމާ ވަނީ ލަންކާގެ ބަންދަރާ އަށް ދުލެއް ނުދީ 11-5 އިން ކާމިޔާބުކޮށް މެޗު ނަގާފައެވެ.

ދީމާ-- ފޮޓޯ: ގޫގަލް

އިންޑިޔާ ފިޔަވާ ސަރަހައްދުގެ ހުރިހާ ގައުމަކުން ބައިވެރިވި ކޮލިފިކޭޝަންގައި ރާއްޖޭގެ ހަތަރު ކުޅުންތެރިއަކު ވާދަކޮށްފައިވެއެވެ. ރާއްޖޭން ބައިވެރިވި ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ދީމާ ގެ އިތުރުން މިޝްކާ މުހައްމަދު އިބްރާހިމާއި އަހްޔާރު އަހުމަދު ހާލިދު އަދި މުންސިފް އަހުމަދު އެވެ.

ދިވެހިރާއްޖެއިން އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ދީމާ ހޯދާފައިވާއިރު، ދީމާ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ލިބުނު އެތުލީޓެކެވެ. ކޮލިފިކޭޝަން ބުރު ކާމިޔާބު ކުރުމާއިއެކު ދީމާ އަށް މިވަނީ އަންނަ ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް އިން ފުރުސަތު ލިބިފައެވެ.



More from Vaguthu