ފަސް ވަޒީރުންނާއެކު "އަހާ" ފޯރަމްގެ ދެވަނަ ބުރު ބާއްވަނީ

Fri, 26 Apr 2024 03:56 PM

View on this article on Vaguthu

ފަސް ވަޒީރުންނާއެކު "އަހާ" ފޯރަމްގެ ދެވަނަ ބުރު ބާއްވަނީ

ދައުލަތުގެ އިތުރު ފަސް ވަޒީރުންނާއެކު "އަހާ" ފޯރަމްގެ ދެވަނަ ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.



އަހާ ފޯރަމަކީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ފޯރަމެކެވެ. އަހާގެ ފުރަތަމަ ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ.

މި ފޯރަމްގެ ދެވަނަ ބުރު އޮންނާނީ ހޯމަ ދުވަހުގެ ރޭ 8:30 ގައި ކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ބުނެފައިވެެއެވެ.

ފޯރަމްގެ ދެވަނަ ބުރުގައި ބައިވެރިވާ ވަޒީރުންނަކީ:

  • ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީން
  • ދާހިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހްސާން
  • މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް
  • މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ
  • ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު

ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.

އެ ފޯރަމްއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ބާއްވާ ފޯރަމްއެކެވެ. ވަޒީރުންގެ ޕަބްލިކް ފޯރަމަކީ ކޮންމެ ދެ މަހުން އެއް މަހު ސަރުކާރުން ކުރާ ކަންކަން ކިޔައިދިނުމާއި ރައްޔިތުން ކުރަން ހުރި ސުވާލުތައް ކުރުމުގެ ފުރުސަތުދީ އެކަމަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ ފޯރަމްއެއް ކަމަށް ޕީއެސްއެމްއިން ބުންޏެވެ.

ޕީއެސްއެމްއިން އިތުރަށް ބުނީ މި ފޯރަމް ކޮންމެ ދެ މަހުން އެއް މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ފޯރަމެއްގައި ވެސް ފަސް ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ކޮންމެ ތިން މަހުން އެއް މަހު ރައީސުލްޖުމްހޫރިއްޔާ ވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގެން، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.



More from Vaguthu