މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީގެ މައްޗަށް ރިޝްވަތުގެ ދައުވާތަކެއް، ރާއްޖެ ގެންނަން އިންޓަޕޯލްގެ އެހީ ހޯދަނީ

Thu, 25 Apr 2024 04:15 PM

View on this article on Vaguthu

މޯލްޑިވް ގޭހުގެ ކުރީގެ އެމްޑީގެ މައްޗަށް ރިޝްވަތުގެ ދައުވާތަކެއް، ރާއްޖެ ގެންނަން އިންޓަޕޯލްގެ އެހީ ހޯދަނީ

ރިޝްވަތު ނެގިކަމުގެ ތުހުމަތުގައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫނުގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.



ޕީޖީ އޮފީހުން ބުނީ މައުމޫންއަށާއި، އޭނާގެ އާއިލީ ބައެއް ފަރާތްތަކަށް އަދި މައުމޫންއާ ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަރނޭޝަނަލްއިން ފައިސާ ފޮނުވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހަތް ދައުވާއެއް ކުރުމަށް މި މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

އެގޮތުން މައުމޫންގެ މައްޗަށް، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ބ) ގެ ދަށުން، ރިޝްވަތު ހިފުމުގެ ކުށުގެ ހަތް ދައުވާއިން ކޮންމެ ދައުވާއަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީން ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ފުރަތަމަ ދައުވާގައި ބުނެފައިވަނީ މައުމޫންގެ ބީއެމްއެލް އެކައުންޓަށް 2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހު 29،941.50 ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

ދެވަނަ މުއާމަލާތް ހިނގީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ހަތް ވަނަ ދުވަހު އެވެ. އެގޮތުން މައުމޫންގެ ބޭންކް އޮފް ސިލޯނުގެ އެކައުންޓަކަށް 49،921.50 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި، އޭނާއާ ގުޅުން ހުންނަ މޮން އާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 12،201.50 ޑޮލަރު ޖަމާކޮށްފައިވާ ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.

ޕީޖީން ހުށަހަޅާފައިވާ ތިންވަނަ ދައުވާގައި ބުނެފައިވަނީ މައުމޫނާ ގުޅުން އޮންނަ މޮން އާކް ކުންފުނީގެ ބީއެމްއެލް އެކައުންޓަކަށް 49،949.50 އެމެރިކާ ޑޮލަރު 2016 އޮގަސްޓު މަހުގެ އެއްވަނަ ދުވަހު ޖަމާކޮށްފައިވާ ކަމަށެވެ. ހަތަރުވަނަ މުއާމަލާތް ހިނގި ކަމަށް ބުނެފައިވަނީ އޭޕްރީލް 9، 2017 ގަ އެވެ. އެފަހަރު އޭނާއާ ގުޅުން ހުރި އެހެން ކުންފުންޏެއް ކަމަށްވާ، އައި ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑް އިސްލާމިކް ބޭންކް އެކައުންޓަކަށް 24،930 ޖަމާކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

ފަސް ވަނަ ދައުވާއަކީ އަބްދުﷲ މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 46،555 ޑޮލަރު 2017 މެއި މަހުގެ ފަސް ވަނަ ދުވަހު ޖަމާކުރަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ކުރި ދައުވާއެކެވެ.

ހަ ވަނަ ދައުވާގައި ބުނާ މުއާމަލާތް ހިނގީ އޮގަސްޓް 23، 2017 ގަ އެވެ. އަބްދުﷲ މައުމޫނުގެ އިސްލާމިކް ބޭންކްގެ އެކައުންޓަކަށް 49،955 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

ޕީޖީން ހުށަހަޅާފައިވާ ހަތް ވަނަ ދައުވާގައި ބުނާ މުއަމާލާތް ހިނގީ އޮކްޓޯބަރު 8، 2017 ގަ އެވެ. އަބްދުﷲ މައުމޫނުގެ އެއްބަފާ ބޭބެ އަހުމަދު ހަމީދުގެ ބީއެމްއެލް އެކައުންޓަކަށް 34،950 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ.

މި މުއާމަލާތްތަކާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އަބްދުﷲ މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް 298،403.5 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޕީޖީން ބުނެފައިވެ އެވެ. އެ އޮފީހުން ތުހުމަތު ކުރާ ގޮތުގައި އެ ފައިސާއަކީ އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ބަދަލުގައި ޖަމާ ކުރި ފައިސާއެވެ.

ޕީޖީން ބުނީ އަބްދުﷲ މައުމޫނަކީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހެއްކަމަށް އެންޓި ކޮރަފްޝަން ކޮމިޝަނުން އެ އޮފީހަށް މައުލޫމާތުދީފައިވާތީ އޭނާ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މި މައްސަލައިގެ އަޑުއެހުމެއް ވީ އެންމެ އަވަސް ތާރީހަކަށް ތާވަލުކޮށްދެއްވުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

އޭނާ ޝަރީއަތަށް ހާޒިރުވުމަށް އިންކާރުކުރައްވާ ހާލަތުގައި ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ނެރެދިނުމަށްވެސް ކޯޓުގައި ޕީޖީން ވަނީ އެދިފައެވެ. އަދި އެފަދަ އަމުރެއް ނެރެދެއްވާ ހާލަތުގައި އިންޓަރޕޯލް މެދުވެރިކޮށް، ދައުވާލިބޭ މީހާ ދިވެހިރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު، ދިވެހި ފުލުހުންގެ ހިދުމަތަށް ފަހިވާނެ ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.



More from Vaguthu