772،651 ފަތުރުވެރިން ތެރެއިން ކާނިއަށް 16,355، ބިޔަ އަދަދެއް!

Sun, 05 May 2024 11:06 AM

View on this article on Vaguthu

772،651 ފަތުރުވެރިން ތެރެއިން ކާނިއަށް 16,355، ބިޔަ އަދަދެއް!

މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ހަތަރު ގެސްޓްހައުސްއަށް ރިކޯޑް އަދަދަކަށް ފަތުރުވެރިން އައިސްފިއެވެ.



ފަތުރުވެރިކަމާ ބެހޭ ވުޒާރާ އިން ނެރުނު ތަފްސާ ހިސާބުތަކަށް ބަލާއިރުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 772،651 ފަތުރުވެރިންނެވެ. އޭގެ ތެރެއިން 16،355 (%2.12) ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ކާނި ހޮޓެލްސް އިން ކ. މާފުށީގައި ހިންގާ ހަތަރު ގެސްޓްހައުސްއެވެ. މިއީ ގެސްޓްހައުސްއަކާ އަޅާ ބަލާއިރު ނިސްބަތުން ވަރަށް ގިނަ އަދަދެއްގެ ފަތުރުވެރިންނެވެ.

ކާނި ހޮޓެލްސްގެ ސީއީއޯ އަދި ނެޝަނަލް ހޮޓެލްސް އަދި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) "ވަގުތަށް" ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ލޯކަލް ޓޫރިޒަމަށް ވެސް ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި މިކަމުން އެނގިގެން ދިޔައީ ގެސްޓްހައުސްތަކަށް ފަތުރުވެރިންގެ މެދުގައި އޮތް ލޯތްބާއި ލޯކަލް ޓޫރިޒަމަށް އެމީހުންގެ ތެރޭގައި އޮތް ބޮޑު ޝައުގުވެރިކަން ކަމުގައި އޭނާ ވިދާޅުވިއެވެ.

ކާނި ޕާމް ބީޗުގެ ކޮޓަރިއެއް، އެއީ މިހާރު މާފުށީގައި އެންމެ މަގުބޫލު އެއް ގެސްޓްހައުސް. --- ފޮޓޯ: ކާނި

"ރާއްޖޭގެ 180 ރިސޯޓާއި 800 ގެސްޓްހައުސް ހުންނައިރު، ކާނި އަށް ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް. މިއީ ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށް ގެންދާ ފެއާތަކުގައި ބައިވެރިވުމުގެ ނަތީޖާ މި ފެންނަނީ." އަބްދުﷲ ވިދާޅުވިއެވެ.

ޓެކްސް ދެއްކުމުގައި މަކަރު ހެދުމެއް ނުވަތަ އޮޅުވާލުމެއް ގެންގުޅެފައި ނުވާ އަދި ބަރާބަރަށް ޓެކްސް ދައްކަމުން އަންނަ ކާނިގެ ހަތަރު ގެސްޓްހައުސްގެ ތެރެއިން މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ކާނި ޕާމް ބީޗަށެވެ. ކާނި ޕާމް ބީޗަށް 9،784 ފަތުރުވެރިން ޒިޔާރަތް ކުރިއިރު، ކާނި ގްރޭންޑް ސީވިއު އަށް 4،313 ފަތުރުވެރިން، ކާނި ވިލެޖެއް 1،172 ފަތުރުވެރިން އަދި ކާނި ބީޗަށް 1،672 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. ކާނި ހޮޓެލްސްއަކީ މާފުށީގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެވެ.

ރާއްޖެއަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ މަންޒިލްތަކަށް ބަލާއިރު، 83،835 ފަތުރުވެރިންނާއި އެކީ އެއް ވަނައިގައި އޮތީ ޗައިނާއެވެ. 77،632 ފަތުރުވެރިންނާއި އެކީ ދެވަނައިގައި ރަޝިއާ އޮތްއިރު، 75،253 ފަތުރުވެރިންނާއި އެކީ ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. ކާނިގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުނީގެ ގެސްޓްހައުސްތަކަށް ވެސް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޗައިނާ އިންނެވެ.

އުކުޅަހުގައި އަޅަމުން އަންނަ ކާނި ހޮޓެލްސްގެ ހޮޓަލް.

މާފުށީގައި ކާނި ހޮޓެލްސް އިން ހިންގަމުން އަންނަ ފަސް ގެސްޓްހައުސްގެ ތެރެއިން ކާނި ޕާމް ބީޗަކީ 256 އެނދުގެ ގެސްޓް ހައުސްއެކެވެ. ކާނި ގްރޭންޑް ސީވިއުއަކީ 130 އެނދުގެ ގެސްޓްހައުސްއެކެވެ. ކާނި ވިލެޖްގައި 46 އެނދު ހުންނަ އިރު ކާނި ބީޗުގައި މިހާރު ހުންނަނީ 38 އެނދެވެ. އަދި ކާނި ލޮޖްގައި 24 އެނދު ހުރެއެވެ.

ކާނި ހޮޓެލްސްގެ ދެ ހޮޓަލް މިހާރު ވެސް ދަނީ އިމާރާތް ކުރަމުންނެވެ. އެއީ މާފުށީގައި އަޅާ 68 ކޮޓަރީގެ ހޮޓަލަކާއި އއ. އުކުޅަހުގައި އަޅާ 148 ކޮޓަރީގެ ސިޓީ ހޮޓަލެކެވެ. އުކުޅަހުގައި އަޅާ ހޮޓެލްގެ މަސައްކަތް އަންނަ އޭޕްރީލް މަހުގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ކާނި ހޮޓެލްސް އިން ދަނީ ދުނިޔޭގެ ހުރިހާ ޓްރެވަލް ފެއާއެއްގައި ބައިވެރިގެން ވަރަށް ބޮޑަށް މާކެޓް ކުރަމުންނެވެ. ކާނި ހޮޓެލްސް އިން ދެން އެންމެ އަވަހަށް ބައިވެރިވުމަށް ހަމަޖެހިފައި ވަނީ ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރެވަލް ފެއާގައެވެ.



More from Vaguthu