ޑެންގީ ހުން ޖެހިގެން 6 ތުއްތު ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

Sun, 05 May 2024 12:10 PM

View on this article on Vaguthu

ޑެންގީ ހުން ޖެހިގެން 6 ތުއްތު ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ

މަދިރީގެ ސަބަބުން ފެތުރޭ ޑެންގީ ހުން ޖެހިގެން ހަ ތުއްތު ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.



ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް "ވަގުތަށް" ވިދާޅުވީ މި ދުވަސްކޮޅު މަދިރި ވަނީ ވަރަށް ގިނަވެފައިވާ ކަމަށާއި އެހެންކަމުން މަރިން ފެތުރޭ ބައްޔެއް ކަމަށްވާ ޑެންގީ ހުމުގެ ކޭސްތައް ވެސް ގިނަ ވެފައިވާ ކަމަށެވެ.

ކޮންމެ ދުވަހަކު ވެސް ޑެންގީހުން ޖެހިގެން ޑޮކްޓަރަށް ދެއްކުމަށް ގެންދާ ކުޑަ ކުދިންގެ އަދަދު ގިނަ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި މި ވަގުތު ޑެންގީހުން ޖެހިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ހަ ކުއްޖަކަށް ފަރުވާ ދެމުންދާ ކަމަށް ވިދާޅުވިއެވެ.

"ކޮންމެ ދުވަހަކު ހަތަރު ވަރަކަށް ކުދިން އެބަ އާދޭ ޑރ. ދައްކަން ޑެންގޫހުން ޖެހިގެން. މިހާރު ވެސް ހަ ކުދިން އެތަތިބި އެޑްމިޓްކޮށްފަ. އެ ކުދިންގެ ހާލު އެހާ ސީރިއަސްއެއް ނޫން. ނަމަވެސް ބައެއް ކުދިންގެ ގަޔަށް ލޭ އަޅަން ޖެހޭ." ޑރ. ފައިސަލް ވިދާޅުވިއެވެ.

ޑެންގޫ ހުމުގެ ނުރައްކާ ފާހަގަކުރައްވަމުން ޑރ. ފައިސަލް އެދިވަޑައިގަތީ މި ދުވަސްވަރު މަދިރިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށެވެ.

ޑެންގީ ހުމަކީ އީޑީސް މަދިރީގެ ސަބަބުން ފެތުރޭ ބައްޔެކެވެ. ބަލި ޖެހިފައިވާ މީހެއްގެ ގައިން ލޭ ބުއިމަށް ފަހު ބަލި ނުޖެހޭ މީހެއްގެ ގައިގައި މި މަދިރި ހަފައިފިނަމަ ބަލި ނުޖެހި ހުރި މީހާގެ ހަށިގަނޑުގެ ތެރެއަށް ވައިރަސް ވާސިލްވެއެވެ.

މި ބަލި ޖެހުމުގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުން، ގައިގައި ވަރު ދެރަވުން، ހުން އައުން، މޭނުބައިކޮށް ހޮޑުލެވުން އަދި ބޮލުގަ ރިއްސުން ހިމެނެއެވެ. ނަމަވެސް ބައެއް މީހުންނަށް މި ބަލީގެ މާބޮޑު އަލާމާތްތަކެއް ނުފެނި ރަނގަޅުވެއެވެ.

މި ދުވަސްވަރު މަދިރި ގިނަވެފައިވާތީ، މާލެއާއި ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެއެވެ. އަދި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ދަނީ ސާފު ކުރަމުންނެވެ.



More from Vaguthu