ފުލުހުން ރައްޔިތުންނަށް ދޭ ހިދުމަތަކީ ބަލައިގަންނަ ހިދުމަތަކަށް ހެދުމަށް ރައީސް އެދިވަޑައިގަންނަވައިފި

Fri, 29 Mar 2024 03:31 PM

View on this article on Vaguthu

ފުލުހުން ރައްޔިތުންނަށް ދޭ ހިދުމަތަކީ ބަލައިގަންނަ ހިދުމަތަކަށް ހެދުމަށް ރައީސް އެދިވަޑައިގަންނަވައިފި

ރައްޔިތުންނަށް ފުލުހުންގެ ފަރާތުންދެވޭ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ، ރައްޔިތުންނާ ގާތުން ލޯތްބާއެކު ދެވޭ ހިދުމަތަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވައިފިއެވެ.



ރައީސް މިގޮތަށް ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ރޭ އިސްކަންދަރު ކޮށްޓަށް ވަޑައިގެންނެވުން ގާޑް އޮފް އޮނަރއެއް އަރުވާފައިވެއެވެ. .

މިރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ދިވެހި ފުލުހުންނަށް ބޭނުންވާ ކަންކަން، ފަރުދީގޮތުންނާއި މުއައްސަސާއަށް މުހިންމުވާ ކަންކަމުގައި ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރެއްވުން އެއީ އެންމެ އިސްކަންދެއްވާ ކަންތައްތައް ކަަމަށެވެ.

އަދި ފަރުދީ ގޮތުން އަމިއްލަ ނަފްސު ތަރައްގީކުރުމަށާއި ކެރިއާއެއްގެ ގޮތުގައި ކުރިއަށް ދެވޭނެ މުއައްސަސާއެއްކަން ފާގަކުރައްވައި، ކިޔެވުމަށްފަހު ފުލުހުންގެ ހިދުމަތާ ގުޅޭ ފަރާތްތަކާއި މިހާރު ހިދުމަތުގައި ތިބި މުވައްޒަފުންނަށްވެސް ކުރިއަށް ދެވޭނެ މަގު ފަހިކޮށް، ކުރިއަށް އޮތްތަނުގައި މުއައްސަސާގެ ފަންނީ ގާބިލް މުވައްޒަފުން ބިނާކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ އިމާރަތްތައް އަޅައި ފުލުހުންގެ ހިދުމަތް ހުރިހާ ރަށެއްގައި ދިނުމަށްޓަކައި މަަސައްކަތްތަކެއް ކުރެވިގެންދާކަމަށް ވިދާޅުވެ ރައީސް ވަނީ ރައްޔިތުންނަށް ފުލުހުންގެ ފަރާތުންދެވޭ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ، ރައްޔިތުންނާ ގާތުން ލޯތްބާއެކު ދެވޭ ހިދުމަތަކަށް ހެދުމަށް އެދިވަޑައިގަންނަވާފައެވެ.



More from Vaguthu