"އަހާ" ފޯރަމްގެ ދެވަނަ ބުރު މިރޭ!

Mon, 29 Apr 2024 10:46 AM

View on this article on Vaguthu

"އަހާ" ފޯރަމްގެ ދެވަނަ ބުރު މިރޭ!

ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަމުން އަންނަ "އަހާ" ފޯރަމްގެ ދެވަނަ ބުރު މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ.



މިރޭގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ. މި ފޯރަމްގައި ފަސް ވަޒީރަކު ބައިވެވަޑައިގަންނަވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު، މުހައްމަދު އަމީން، ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، އަލީ އިހުސާން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު، އަހުމަދު ޝިޔާމް، ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު، އިބްރާހިމް ވަހީދުގެ އިތުރުން މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވަޒީރު، ޑރ. މަރިޔަމް މާރިޔާއެވެ.

މިރޭގެ ފޯރަމްގައި މިނިސްޓަރުންނާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށް ސުވާލު ފޮނުވުމުގެ ފުރުސަތު މީގެ ދެ ދުވަސް ކުރިން އޮތީ ހުޅުވާލައިފަ އެވެ.

ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. މި ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.

"އަހާ" ފޯރަމްގެ ދެވަނަ ބުރު މިރޭ ބާއްވާއިރު، މި ފޯރަމްގެ ފުރަތަމަ ބުރު ބާއްވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

"އަހާ" ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ބާއްވާ ފޯރަމްއެކެވެ. މިއީ ކޮންމެ ދެ މަހުން އެއް މަހު ސަރުކާރުން ކުރާ ކަންކަން ކިޔައިދިނުމާއި ރައްޔިތުން ކުރަން ހުރި ސުވާލުތައް ކުރުމުގެ ފުރުޞަތުދީ އެކަމަކަށް ސީދާ ވަޒީރުން ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ ފޯރަމެކެވެ.



More from Vaguthu