އުންމީދަކީ މި އަހަރު ނިމެން ވާއިރަށް އާ ޓާމިނަލްގެ މަސައްކަތްތައް ނިންމާ އެއާޕޯޓް އޮޕަރޭޝަނަށް ގެނައުން - ރައީސް

Fri, 29 Mar 2024 03:13 PM

View on this article on Vaguthu

އުންމީދަކީ މި އަހަރު ނިމެން ވާއިރަށް އާ ޓާމިނަލްގެ މަސައްކަތްތައް ނިންމާ އެއާޕޯޓް އޮޕަރޭޝަނަށް ގެނައުން - ރައީސް

އުންމީދަކީ މި އަހަރު ނިމެން ވާިއރަށް ވެލާނާ އިންޓަނޭޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތްތައް ނިންމައި އޮޕަރޭޝަނަށް ގެނައުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ދައުލަތު މީޑިއާއަށް ރައީސް ދެއްވި އިންޓަވިއެއްްގައި ވިދާޅުވީ ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫތައް ހަގީގަތަށް ހެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު މަޝްރޫއަކީ މައި ދޮރާށި، އެއާޕޯޓްގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

"އެއާޕޯޓްގެ މަސައްކަތް ދިޔައީ ވަރަށް ލަސްކޮށް ހިނގަމުން. ޓްރާންސިޝަން މަރުހަލާގައި ވެސް ބައްދަލުކުރި ކުންފުންޏަކީ އެ މީހުން އެކަނި. އެއީ ވެސް އެ މަޝްރޫއުގެ މުހިންމުކަމުގެ ސަބަބުން. ދެން ރަސްމީކޮށް އެ ސައިޓަށް ވެސް ގޮސް ކަންކަން ދިޔަގޮތް ބެލިން. ވަރަށް ލަސްކޮށް ކަންކަން ދިޔައީ. ދާންވާ ޓާގެޓަކަށް ނުދޭ.". ރައީސް ވިދާޅުވިއެވެ.

ނަމަވެސް މިހާރު ވަަރަށް ބޮޑުތަން ކެޗްއަޕްކުރެވި އެ މަޝްރޫއު ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އުންމީދަކީ މި އަހަރު ނިމެންވާއިރާ ޓާމިނަލްގެ މުހިންމު މަސައްކަތްތަކެއް ނިންމައި އެއާޕޯޓް އޮޕަރޭޝަނަށް ގެނައުން ކަމަށް ރައީސް ވިދާޅުވިއެވެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ކުވެއިތު ފަންޑު ހިމެނޭ ގޮތަށް ހަތަރު ބައެއްގެ ލޯނު ނަގައިގެން ހިންގާ ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބިޔަ މަޝްރޫއެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފެށި އެ މަސައްކަތުގެ ބޮޑު ބައި ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން އާ ރަންވޭ ނިންމާލާފައިވާއިރު ފިއުލް ފާމްވެސް ވަނީ ނިމިފައެވެ. އަދި ސީ ޕްލޭން ޓާމިނަލް އަދި ކާގޯ ކޮމްޕްލެކްސްގެ މަސައްކަތްވެސް ވަނީ ނިމިފައެވެ.

މިހާރު ކުރެވެމުންދާ މަސައްކަތަކީ ޕެސެންޖާ ޓާމިނަލްގެ މަސައްކަތެވެ.

ހަތް މިލިއަން ފަސެންޖަރުންނަށް ހިދުމަތް ދޭ ގޮތަށް ތަރައްގީ ކުރާ އިރު، އެންމެ ބާރު ސްޕީޑުގައި ކުރިޔަށް ދަނީ އާ ޓާމިނަލްގެ މަސައްކަތެވެ.

އާ ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް މި ސަރުކާރުން ލަފާކޮށްފައި ވަނީ 2025 ގައެވެ. އެކި ސަބަބުތަކާ ހުރެ އެ މަޝްރޫއު ވަރަށް ބޮޑަށް ލަސްވި އިރު، މި މަޝްރޫއަށް މިހާތަނަށް ސައޫދީ ފަންޑުން 99.8 މިލިއަން ޑޮލަރު، ކުވޭތު ފަންޑުން 97.6 މިލިއަން ޑޮލަރު، އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރު އަދި އަބޫ ދާބީ ފަންޑުން 50 މިލިއަން ޑޮލަރު ސަރުކާރުން ނަގާފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ



More from Vaguthu