ރަމަޟާން މަހަކީ އިސްލާމީ އުންމަތަށް ގިނަ ކާމިޔާބީތައް ދެއްވާފައިވާ މައްސަރެއް: ހުތުބާ

Fri, 29 Mar 2024 01:40 PM

View on this article on Vaguthu

ރަމަޟާން މަހަކީ އިސްލާމީ އުންމަތަށް ގިނަ ކާމިޔާބީތައް ދެއްވާފައިވާ މައްސަރެއް: ހުތުބާ

ރަމަޟާން މަހަކީ އިސްލާމީ އުންމަތަށް މާތް ﷲ ގިނަ ގުނަ ކާމިޔާބީތައް ދެއްވާފައިވާ މައްސަރެއް ކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ.



ޚުތުބާގައި ވިދާޅުވި ގޮތުން ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ނަސްރު ދެއްވީވެސް ރަމަޟާން މަހެއްގައެވެ. އެގޮތުން ރަމަޟާންމަހުގެ 17 ވަނަ ދުވަހު އެ ހަނގުރާމައިގައި މުސްލިމުންނަށް މާތްﷲ ވަނީ ނަސްރު ދެއްވައިފައެވެ.

މި ހަނގުރާމައިން ލިބޭ އެއް ފިލާވަޅަކީ އަދުލުވެރިކަމުގެ ފިލާވަޅެވެ.

ޚުތުބާގައި ވިދާޅުވާ ގޮތުން މާތް ނަބިއްޔާ އެހެން ބައެއްގެ މައްޗަށް އަދުލުވެރިކަން ހިންގެވުމުގެ ކުރިން ޚުދު އެކަލޭގެފާނުގެ ނަފުސުގެ މައްޗަށް އަދުލުވެރިކަން އިސްކުރެއްވިއެވެ. އޭގެ އެއް މިސާލަކީ ބަދުރު ހަނގުރާމައިގެ ލަޝްކަރު ތައްޔާރުކުރެއްވުމަށް ސަފުތައް ތަރުތީބުކުރެއްވި ވަގުތު، އެއް ބޭކަލަކު ސަފުން ކުރިއަށް ޖެހިވަޑައިގެން ހުންނެވި ތަން ފެނިވަޑައިގެން އެކަލޭނގެފާނު އަމަލުފުޅު ކުރެއްވި ގޮތެވެ. އެގޮތުން ލަޝްކަރުގެ ސަފުން ކުރިޔަށް ޖެހިވަޑައިގެންނެވި ސަވާދުގެ ބަނޑުފުޅުގައި އެކަލޭގެފާނުގެ އަތްޕުޅުގައިއޮތް ބޮންތިކޮޅުން ޖެއްސެވުމަށްފަހު ސަފުތެރެޔަށް ވަދެ ވަޑައިގަތުމަށް ދެންނެވިއެވެ. އޭގެ ސަބަބުން އެ ބޭފުޅާއަށް ތަދުވުމުން އޭގެ ޤިސާސެއްގެ ގޮތުން އެ ބޭފުޅާ ވަނީ ރަސޫލާގެ ގައިކޮޅުގައި ބޮސްދެއްވާފައެވެ. އޭގެ ފަހުން އެ ބޭފުޅާއަށް ރަސޫލާ ހެޔޮދުއާ ކުރެއްވިއެވެ.

ބަދުރު ހަނގުރާމައިން މަޝްވަރާ ކުރުމުގެ މުހިންމުކަންވެސް ހާމަވެގެންދިޔައެވެ. މި ހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުން ކީރިތި ރަސޫލާ ވަނީ އެހެން ބޭފުޅުންގެ ރައުޔުވެސް ހޯއްދަވާފައެވެ. އެގޮތުން އަބޫބަކުރުގެ ފާނާއި އަލް މިޤްދާދު ބިން އަމްރޫ ހިމެނިވަޑައިގަންނަވައެވެ.

"ރަސޫލު الله ގެ މައްޗަށް ވަޙީ ބާވައިލައްވަމުން ދިޔަ އިރުވެސް، އެކަލޭގެފާނު ދެއްކެވި ނަމޫނާ އަކީ، އެކަލޭގެފާނަކީ އަމިއްލަފުޅު ރައުޔަށް ކަންކަންކުރައްވާ ބޭކަލެއް ނޫންކަމެވެ. މީސްތަކުންނަށް އަމަލީ ގޮތުން އެކަން މި ހަނގުރާމައިގެ ތެރޭގައި ފެނުނެވެ." ޚުތުބާގައި ވިދާޅުވެފައިވެއެވެ.

މި ހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ އިސްލާމްދީނުގެ އަގީދާ ހިތުގައި ވަރުގަދައަށް އަށަގެންފިނަމަ، އެމީހަކަށް ދެންހުރި ހުރިހާ ކަމެއް ފަސޭހަވާނެކަމެވެ. ބަދުރު ހަނގުރާމައިގައި ބަފައިން ދަރިންނާ، ދަރިން ބަފައިންނާ އަޚުން އަޚުންނާ، ގާތްތިމާގެމީހުން ގާތްތިމާގެމީހުންނާ އަދި ރައްޓެހިން ރައްޓެހިންނާ، ހަނގުރާމަ ކުރިއެވެ.

މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިގެންދަނީ މުސްލިމުންގެ މިފަދަ މިސާލުތައް ކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އެގޮތުން އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާންމަކީ އޭގެ އެއް މިސާލުކަމަށް ވަނީ ވިދާޅުވެފައެވެ.

"ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައިގައިވެސް އެބައިމީހުންގެ ހިތްވަރާއި އަޒުމުގެ ވަރުގަދަކަން ނިކަން ދެކޭށެވެ! ހެއްދެވިފަރާތަށް އޮތް އިތުބާރުގެ ބޮޑުކަން ދެކި އެކަންކަމުން އިބުރަތް ލިބިގަންނާށެވެ! މުސްލިމުންގެ މޮޓޯ އަކީ ހަމަ އެއް މޮޓޯ އެކެވެ! "މާތް اللهُ ގެ މަގުގައި ޝަހީދުވުން، ނުވަތަ ނަޞްރު ލިބުމެވެ." ހުތުބާގައި ވިދާޅުވިއެވެ.

މައްކާ ފަތަހަ ކުރެއްވީވެސް ރަމަޟާންމަހެއްގައެވެ. ހުތުބާގައި ވިދާޅުވެފައިވަނީ ހިޖުރައިން އަށްވަނަ އަހަރުގެ ރަމަޟާން މަހު، ވިހިވަނަ ދުވަހު ދެއްވި މައްކާ ފަތަޙަކުރެއްވުމުގެ ކާމިޔާބީ މުސްލިމުންނަށް ވަނީ ދެއްވާފައެވެ. އަދި ހަމައެއާއެކު މީހާގެ މުޅި ޢުމުރުގައި ކޮށްފައިވާ ފާފައިން ޠާހިރުވުމުގެ ފުރުޞަތު ރަމަޟާންމަހު މުސްލިމުންނަށް ލިބިގެންދާއިރު މާތްވެގެންވާ ލައިލަތުލް ގުދުރި ވިލޭރޭގެ މަތިވެރި ފުރުސަތަކީވެސް މުސްލިމުންނަށް ދެއްވި ނިއުމަތެކެވެ. އެއްހާސް މައްސައްރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލް ޤަދުރި ވިލޭރޭ އަންނަނީ ރަމަޟާންމަހުގެ ފަހުދިހައިގައެވެ.

މި ދަރުމަ ލިބިގަތުމަށްޓަކައި ރޭ އަޅުކަން އިތުރުކޮށް އިއުތިކާފަށް އިނުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.



More from Vaguthu