މިދިޔަ ހަފްތާގައި މާލޭ މަގުމަތިން 300 ޓަނުގެ ކުނި ނަގައިފި

Fri, 29 Mar 2024 11:03 AM

View on this article on Vaguthu

މިދިޔަ ހަފްތާގައި މާލޭ މަގުމަތިން 300 ޓަނުގެ ކުނި ނަގައިފި

ނިމިދިޔަ ހަފްތާގައި މާލޭގެ މަގުމަތިން 300 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.



ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރު، އާމިނަތު ޝަތުފާ ވިދާޅުވީ މާލޭގެ މަގުތައް ސާފުކުރުމަށް ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުން މިހާތަނަށް 300 ޓަނުގެ ކުނި ނެގިއްޖެ ކަމަށެވެ. އެގޮތުން އިއްޔެ އެކަނިވެސް މާލޭގެ މަގުމަތިން 350 ކިލޯގެ 21 ޕިކަޕާއި 1.5 ޓަނުގެ 3 ޕިކަޕާއި ދެ ޓަނުގެ 2 ޕިކަޕުގެ އިތުރުން 10 ޓަނުގެ އެއް ޕިކަޕުގެ ކުނި ވަނީ ނަގައި ސާފުކޮށްފައެވެ.

އިއްޔެ އެކަނިވެސް ޖުމްލަ 25.8 ޓަނުގެ ކުނި ވަނީ ނަގައިފައެވެ.

މާލޭގައި މީހުން އާންމުކޮށް ކުނި އަޅާ 10 ތަނެއް ވެސް މާލެ ސީޓީ ކައުންސިލުން ހާމަކުރިއެވެ. އެގޮތުން އަލަމާ ގޯޅި، ކެނެރީ ގޯޅި، ހަދީބީ މަގު، އޯޑިއޯން ގޯޅި، މާވެޔޮމަގު ފަތަހަ ކަންމަތި، ހެންވޭރު ސަހާރާ ކަންމަތި، ކާސިންޖީ މަގު، ބަރުޖޯރާ ގޯޅި ކަންމަތި، ޕިއްޒާ ބޯނާ ކަންމަތި، ދިލްބަހާރު މަގު، ދަގަނޑުކެނޑިގޭ ގޯޅި ކަންމަތި އަދި ޖަމާލުއްދީން ސްކޫލް ކުރިމަތީ ހަނި ގޯޅި ފާހަގަކޮށްފައިވެއެވެ.

އެ ސަރަހައްދުތަކަކީ އާންމުކޮށް މީހުން ކުނިއަޅާ ސަރަހައްދުތައް ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އެގޮތަށް ކުނިއަޅާ މީހުން ހާމަކޮށް އެމީހުން ޖޫރިމަނާ ކުރި ނަމަވެސް އަދިވެސް މަގުމައްޗަށް ކުނި އެޅުން ނުހުއްޓޭ ކަމަށް ކައުންސިލުން ބުނެއެވެ.

މަގުމަތީގައި ކުނި ބަހައްޓާ މީހުން ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ކައުންސިލުންނާއި ފުލުހުން ވެސް ވަނީ ދީފައެވެ. ކުނިއަޅާ މީހުން ރިޕޯޓް ކުރަންވެސް ވަނީ އަންގާފައެވެ.



More from Vaguthu