ރަސްގެފާނު ޗާލްސްއާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

Thu, 28 Mar 2024 05:00 PM

View on this article on Vaguthu

ރަސްގެފާނު ޗާލްސްއާ ރައީސް ނަޝީދު ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް އަދި ކްލައިމެޓް ވަލްނަރަބަލް ފަންޑު (ސިވީއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނަޝީދު އިނގިރޭސި ރަސްގެފާނު ޗާލްސާއި ބައްދަލު ކުރައްވައިފިއެވެ.



އިއްޔެގެ ވަގުތެއްގައި އިނގިރޭސި ގަނޑުވަރު ބަކިންހަމް ޕެލަސްގައި ބޭއްވުނު މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު އެއްވެސް ކަމެއްގެ ތަފްސީލް މީޑިއާއަކުންވެސް އަދި ރައީސް ނަޝީދު ފަރާތްޕުޅުންވެސް ހާމަ ކުރައްވާފައެއް ނުވެއެވެ.

ޗާލްސް ގެންދަވަނީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެހެންނަމަވެސް ރަސްމީ މަސައްކަތްތަކުގައި ހަރަކާތްތެރިވެ ވަަޑައިގަންނަވައެވެ. އަދި މި ބައްދަލުވުމަކީ ވެސް ރަސްމީ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވުނު ބައްދަލު ވުމެއްކަމަށް އެ ގައުމުގެ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހު ޗާލްސްއަށް ކެންސަރު ޖެހިވަޑައިގެންނެވިކަން އިއުލާންކުރުމުން ރަޝިއާގެ ބޮޑު އެއް ނޫސް ކަމަށްވާ ވެޑޮމޮސްޓީ އިން ބޭނުންކުރާ ޓެލެގްރާމް ޗެނަލެއްގައި ރަސްގެފާނު ޗާލްސް އަވަހާރަވެއްޖެ ކަމަށްވެސް ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ބަކިންހަމް ޕެލަސްއިން ވެސް ވަނީ އެ ރިޕޯޓް ދޮގުކޮށްފައެވެ. ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަސްގެފާނު ރަސްމީ އަދި އަމިއްލަ މަސައްކަތުގައި އުޅުއްވަމުން ގެންދަވާކަން ކަށަވަރު ކުރާ ކަމަށެވެ

ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރައީސް ނަޝީދު އައްޔަނު ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. ސީވީއެފަކީ ރާއްޖެ ވެސް އިސްކޮށް އޮވެގެން 2009 ގައި އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. އޭގެ މެންބަރު ގައުމުތަކުގެ އަދަދު މިހާރު 55 އަށް އަރައެވެ. އޭގެ ތެރޭގައި އޭޝިޔާ، އެފްރިކާ، ކެރީބިއަން، ލެޓިޓް އެމެރިކާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތައް ހިމެނެއެވެ.



More from Vaguthu