70 ސިފައިންގެ ތަމްރީނު ކޯހުން އެއް ވަނަ ހަމްނާ

Sat, 27 Apr 2024 08:44 PM

View on this article on Vaguthu

70 ސިފައިންގެ ތަމްރީނު ކޯހުން އެއް ވަނަ ހަމްނާ

އެމްއެންޑީއެފްއާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ، އަސާސީ ތަމްރީނު ކޯހުގެ 70 ވަނަ ބެޗުން އެއް ވަނަ ހަމްނާ ރަޝީދު އަށް ލިބިއްޖެއެވެ.



މިއަދު ހަވީރު ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ބޭއްވި 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު މުޖައްމަދު ޣައްސާން މައުމޫންއެވެ.

އެ ތަމްރީން ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ، ޕްރައިވެޓް ހަމްނާ ރަޝީދަށް ލިބުނިއިރު، ހެވިކަމަށް އެންމެ މޮޅު ދަރިވަރުގެ އެވޯޑް، ޕްރައިވެޓް އިޝްޙާޤް ޝަރީފް ވަނީ ހާސިލްކޮށްފައެވެ. އަދި ހަށިހެޔޮކަމުން އެއްވަނަ ދަރިވަރުގެ އެވޯޑް ޕްރައިވެޓް އައިހަމް އަލީ ހާސިލްކޮށްފައިވާއިރު، އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރުގެ އެވޯޑް، ޕްރައިވެޓް މުޙައްމަދު ރިޝްފާން އަދި މަޒުމޫން ލިޔުމުގެ މުބާރާތުން އެއްވަނަ ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ ޕްރައިވެޓް ޢުލްވިއްޔާ އަޙްމަދު އެވެ.

މުޅި ކޯހުން އެއްވަނަ ޕްލެޓޫނަަކަށް ހޮވިފައިވަނީ ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ ފޯތު ޕްލެޓޫނެވެ. ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ފަސްޓް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް ޢަބްދުﷲ ހާޝިމް އަޙްމަދު ހޮވިފައިވާއިރު، ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ސެކަންޑް ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ޙުސައިން އައިހަމް މޫސާއެވެ. އަދި، ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ތާޑު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް އިޝްޙާޤު މުޙައްމަދު ހޮވިފައިވާއިރު، ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ފޯތު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އަޙްމަދު ރިމާޙެވެ. ޝަހީދު ޢަލީ ރަސްގެފާނު ކޮމްޕެނީގެ، ފިފްތު ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ޢުލްވިއްޔާ އަޙްމަދެވެ.

މި ކޯހުން 98 ދަރިވަރުން ވަނީ ދަސްވެނިވިފައެވެ. އެއީ 89 ފިރިހެން ދަރިވަރުންނާއި 9 އަންހެން ދަރިވަރުންނެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން މިދިޔަ އަހަރުގެ އޮކްޓޫބަރު 28 އިން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ހިންގި މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގައެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.



More from Vaguthu