ގޯތި ލިބުނު މީހުންނަށް ރެޖިސްޓްރީއާ ހަވާލުވުމަށް އަނެއްކާވެސް އިތުރު ފުރުސަތެއް

Thu, 28 Mar 2024 04:41 PM

View on this article on Vaguthu

ގޯތި ލިބުނު މީހުންނަށް ރެޖިސްޓްރީއާ ހަވާލުވުމަށް އަނެއްކާވެސް އިތުރު ފުރުސަތެއް

ބިންވެރިޔާ ސްކީމުގެ ދަށުން ނިމިދިޔަ ސަރުކާރުން ދިން ގޯތި ލިބުނު މީހުން ރަޖިސްޓްރީއާ ހަވާލުވުމަށް އަނެއްކާވެސް އިތުރު ފުރުސަތެއް ދިނުމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.



އެ ވުޒާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކާގުޅޭ އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލު ކުރުމަށް އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށެވެ. އަދި ގޯތި ލިބިފައިވާ ކަމުގެ ލިޔުން ހަވާލު ކުރުމަށް އެޕޮއިންޓްމަންޓް ހަމަޖައްސަން މުއްދަތެއް ދެވިފައިވީނަމަވެސް މި މުއްދަތުގައި ހުރިހާ ފަރާތަކުން ސޮއިކޮށް ނިމިފައިނުވާކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މިފަދަ ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން އަންނަ މަހުގެ އޭޕްރިލް 15 ވަނަ ދުވަހުން ފެށިގެން އަލުން އެޕޮއިންޓްމަންޓް ހަމަޖައްސުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިކަމަށް އެދޭ ފަރާތްތަކުން، ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީ/ލިޔުމާއި ހަވާލުވުމަށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އޭޕްރިލް 14ގައި ހުޅުވާލެވޭނެއެވެ.

ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތައް ހުންނަނީ ހުޅުމާލޭ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. އެއީ ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2219 ގޯއްޗާއި ގިރާވަރުފަޅުން ދޫކުރާ 5433 ގޯއްޗެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ. އެޗްޑީސީން މައުލޫމާތު ދިންގޮތުގައި އެ ސަރަހައްދުގައި ހުރި ވެލިފުނިތައް ނަގާ ތަން ސާފުކޮށް ވީހާވެސް އަވަހަށް ބިމުގެ ހައްޤުވެރިންނަށް އެ ބިން ދިނުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ދަނީ ކުރަމުންނެެވެ.



More from Vaguthu