މާދަމާގެ ވޯޓަށް އޮތީ ފުރިހަމަ އަށް ތައްޔާރުވެފައި: އީސީ

Fri, 08 Sep 2023 10:53 PM

View on this article on Vaguthu

މާދަމާގެ ވޯޓަށް އޮތީ ފުރިހަމަ އަށް ތައްޔާރުވެފައި: އީސީ

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ވިދާޅުވެއްޖެއެވެ.

އީސީ އާއި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަމަޖައްސަން ޖެހޭ އިންތިޒާމުތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަން ޖެހޭ ތަކެތި ރިސޯޓުތަކަށާއި ރާއްޖެ އިން ބޭރަށާއި އަތޮޅުތަކަށް ފޮނުވާ ނިމިފައިވާ ކަމަށެވެ. މާދަމާ ވަރަށް ހެނދުނާ އޮފިޝަލުން ގޮސް، ވޯޓުލުން ފެށޭ ގަޑިއަށް ކަންކަން އިންތިޒާމު ކުރާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

ހަބީބް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު މިނިވަންކަމާއި އިންސާފުވެރިކަމާ އެކީގައި ކުރިއަށް ގެންދިއުމަށް އީސީން އިންތިޒާމުތައް ހަމަޖައްސާ އިރު، ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނާ ދިވެހި ރައްޔިތުން ކޮމިޝަނަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒަށް ދިއުމުގެ ކުރިން، އެމީހަކު ރަޖިސްޓްރީވެފައި އޮތީ ކޮން ތަނަކަށްތޯ ބެލުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"1414 އަށް މެސެޖްކޮށްފައި ނުވަތަ 1414 އަށް ގުޅުއްވާފައި ހަމަ ކޮންމެ ބޭފުޅަކު ވަޑައިގަތުން. އެ މައުލޫމާތުގެ ތެރޭގައި ހިމެނޭނެ ކޮން ތަނެއްގައި ހުންނަ ކޮން ކްލާސް ރޫމެއްގައި ނޫނިއްޔާ ކޮން ތަނެއްގައި ހުންނަ ކިތައް ނަންބަރު ވޯޓު ފޮއްޓަށް ކަން ވޯޓު ލެއްވޭނީ. އެހެންވީމަ އެ މައުލޫމާތު ދުރާލައި ހޯއްދެވުން އެއީ ވަރަށް މުހިންމު ކަމެއް،" ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވި ގޮތުގައި ވޯޓުލާން އަންނަ އިރު މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއް ކަން އަންގައިދޭ ކާޑާއި ޕާސްޕޯޓާއި ޕާސްޕޯޓް ކާޑާއި ޑްރައިވިން ލައިސަންސް ބޭނުންވާނެ ކަމަށެވެ. އެހެންވެ، ދުރާލައި މިކަމަށް ތައްޔާރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ހަބީބް ވިދާޅުވިއެވެ.

 



More from Vaguthu