ބައެއް ޓީވީތަކުން ކެމްޕެއިން ކުރާ ކަމުގެ ޝަކުވާ ވަނީ ލިބިފައި: އީސީ

Fri, 08 Sep 2023 11:53 PM

View on this article on Vaguthu

ބައެއް ޓީވީތަކުން ކެމްޕެއިން ކުރާ ކަމުގެ ޝަކުވާ ވަނީ ލިބިފައި: އީސީ

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރުން މަނާ ގަޑީގައި ބައެއް ޓީވީތަކުން ކެމްޕެއިން ކުރާ ޒާތުގެ ކަންކަން ކުރާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިރޭ ވިދާޅުވެއްޖެއެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަބީބް ވިދާޅުވީ ގައުމީ ބައެއް ޓީވީ ޗެނަލްތަކުން މިހާރު ވެސް މަނާ ގަޑީގައި ކެމްޕެއިން ކުރެވޭ ޒާތުގެ ކަންކަން ކުރަމުންދާ ކަން ލަފާ ދޭ ކޮމިޓީގައި ހިމެނޭ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ވަކި ކުލައެއްގެ ހެދުމެއް، ނޫނީ ވަކި ކުލައެއްގެ ބެކްގްރައުންޑެއް އަންނަ ގޮތަށް ކެމްޕެއިން ކުރެވޭ ޒާތަށް ކަންކަން ކުރެވެމުންދާ ތަން. އެހެންވީމަ އެކަން ނުކުރެއްވުމަކީ ކޮމިޝަންގެ ވަރަށް ބޮޑު އެދުމެއް،" ހަބީބް ވިދާޅުވިއެވެ.

ކެމްޕެއިން ކުރުން މަނާ ގަޑިއަކީ މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން އާދިއްތަ ދުވަހުގެ ހަޔަކާ ހަމައަށެވެ. ހަބީބް ވިދާޅުވީ އެ ގަޑީގެ ތެރޭގައި ކެމްޕެއިން ކުރެވޭ ޒާތުގެ އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

މީގެއިތުރުން ކެމްޕެއިން ކުރުން މަނާ ގަޑީގައި ބައެއް ކެންޑިޑޭޓުންގެ ފަރާތުން މެސެޖް ލިބެމުންދާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ. އެހެންވެ، މީސް މީޑިއާގެ ޒަރިއްޔާ އިންނާއި އެއްވެސް ގޮތަކަށް ކެމްޕެއިން ކުރެވޭ ޒާތުގެ އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އީސީ އާއި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަބީބް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަމަޖައްސަން ޖެހޭ އިންތިޒާމުތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަން ޖެހޭ ތަކެތި ރިސޯޓުތަކަށާއި ރާއްޖެ އިން ބޭރަށާއި އަތޮޅުތަކަށް ފޮނުވާ ނިމިފައިވާ ކަމަށެވެ. މާދަމާ ވަރަށް ހެނދުނާ އޮފިޝަލުން ގޮސް، ވޯޓުލުން ފެށޭ ގަޑިއަށް ކަންކަން އިންތިޒާމު ކުރާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.



More from Vaguthu