އެސްޓީއޯ ހޮޓާ ހުރި ބިމުގައި މީޑިޔާ ވިލެޖު އަޅަނީ

Sat, 27 Jul 2024 11:26 AM

View on this article on Vaguthu

އެސްޓީއޯ ހޮޓާ ހުރި ބިމުގައި މީޑިޔާ ވިލެޖު އަޅަނީ

ހުޅުމާލޭގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން އަޅަމުން ގެންދާ ފަސްތަރީގެ ހޮޓާ ދޫކޮށްލަން ނިންމާފައިވާތީ އެ ހޮޓާ ހުރި ބިމުގައި މީޑިއާ ވިލެޖް ގާއިމުކޮށް ބައެއް ފަންގިފިލާތައް މީޑީތަކަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.



ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ އެސްޓީއޯގެ ހޮޓާ ހުރި އިމާރާތް މިހާރު ސަރުކާރުން ނަގާފައިވާ ކަމަށާއި އެ ތަނުގައި މީޑިޔާ ވިލެޖު ޤާއިމުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ އިމާރާތުގެ ފަންގިފިލާތައް މީޑިޔާތަކަށް ދޭން ނިންމާފައިވަނީ ވަރަށް ކުޑަ ކުއްޔެއްގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެތަނުގެ ބައެއް ފްލޯތައް ހާއްސަކުރެވޭނީ މި ދެންނެވި މީޑިޔާ ވިލެޖު ޤާއިމުކުރުމަށް. ކޮންމެ މީޑިޔާއަކަށް ހަމަޖެހޭ އުސޫލަކުން ވަރަށް ކުޑަ އަގެއްގައި އެމީހުންގެ އޮފީސް ހިންގަން އެތަނުން ޖާގަ ދޫކުރާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީޑީޔާ ވިލެޖް ޤާއިމުކުރާއިރު އެތަނުގައި ފެންވަރު ރަނގަޅު ސްޓޫޑިއޯތަކާއި ޓީވީ ޕްރޮޑަކްޝަންތަކަށް ފެސިލިޓީ ގާއިމު ކުރާނެ ކަމަށާއި އެ މަސައްކަތް ކުރިޔަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށެވެ.

"މީޑިއާތަކަށް ދުވަހަކު ނުލިބޭ ފަދަ ރަނުގެ ފުރުސަތުތައް އެތަނުން ފޯރުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

އެސްޓީއޯގެ މި ހޮޓަލަކީ ޑޮލަރުގެ އާމްދަނީ އިތުރު ކުރުމަށް ޓޫރިޒަމް ދާއިރާއަށް ވަންނަން ނިންމައި 2006 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. ރެސިޑަންޓަލް ބުލޫ އާއިއެކު އެސްޓީއޯއިން އެއްބަސްވުމެއްގެ ދަށުން ތަރައްގީ ކުރަން ނިންމި މި ހޮޓަލަކީ ކުރިއަށް ގެންދެވިފައި ނުވާ ޕްރޮޖެކްޓެކެވެ. ހޮޓާ ތަރައްގީ ކުރީ "ރެޑިސަން ހުޅުމާލެ މޯލްޑިވްސް" ގެ ނަމުގައި އެމެރިކާގެ ކާލްސަން ގުރޫޕާ ގުޅިގެން 250 ކޮޓަރި ތަރައްގީ ކުރަން ފެށީ 2011 ވަނަ އަހަރުއެވެ. ނަމަވެސް، އޭގެ ފަހުން އެތަނުގެ މަސައްކަތް ހުއްޓި، އެކި ފަހަރު މަތިން އެތަން ވިއްކާލަން ކުރި މަސައްކަތް ނާކާމިޔާބުވިއެވެ.



More from Vaguthu