ހުރިހާ އާރްޓީއައިތަކަށް ޖަވާބު ދެވިއްޖެ، މި ސަރުކާރު ހާމަކަންބޮޑުވާނެ: ރައީސް

Sat, 27 Jul 2024 11:32 AM

View on this article on Vaguthu

ހުރިހާ އާރްޓީއައިތަކަށް ޖަވާބު ދެވިއްޖެ، މި ސަރުކާރު ހާމަކަންބޮޑުވާނެ: ރައީސް

ރައީސް އޮފީސް ހިމެނޭހެން ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙަައްގުގެ ދަށުން މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް އާރުޓީއައި އަކަށް ސަރުކާރުން ޖަވާބު ނުދީ ނޯންނާނެކަން ކަމަށާއި މި ސަރުކާރު ހިންގާނީ ހާމަކަންބޮޑު، ޖަވާބުދާރީވަނިވި ގޮތެއްގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ރޭ ބޭއްވި ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކާއި ރައީސް އޮފީހަށް ހުށަހެޅުނު ހުރިހާ އާރްޓީއައިތަކަށް މިހާރު ޖަވާބު ދީފައިވާނެ ކަމަށެވެ.

"ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް ރައީސް އޮފީސް ހިމެނޭހެން ނޯންނާނެ އެންމެ އާރްޓީއައިއެއް ވެސް ޖަވާބު ނުދީ. ހުރިހާ އާރްޓީއައި އަކަށް ޖަވާބު ދީފިން. އަޅުގަނޑުމެން ބިރެއް ނުގަނޭ ޖެހިލުމެއް ނުވޭ ސުވާލުތަކަށް ޖަވާބު ދޭކަށް،" ރައީސް ވިދާޅުވިއެވެ.

ސިޔާސީ ބޭނުމުގައި އެކްޓިސްޓުން ވެސް ސުވާލު ހުށަހަޅުއްވާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެގޮތަށް ހުށަހަޅާ ސުވާލުތަކަށް ވެސް ޖަވާބު ދެއްވަމުންގެންދަވާނެ ކަމަށެވެ.

ހަޤީޤީ މާނާގައި ރާއްޖޭން ކޮރަޕްޝަން ނައްތާލުމަށް މިހާތަނަށް ރާއްޖޭގައި މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ރޭ ވިދާޅުވިއެވެ.

އެގޮތުން، ދައުލަތުގެ ޚަރަދުތައް ރައްޔިތުންނަށް ހާމަކުރުމަށް ދައުލަތުގެ އެކި މަޝްރޫޢުތަކާ މަސައްކަތްތައް ކޮށްދޭ ފަރާތްތަކުން ފައިސާ ހޯދުމަށް ހުށަހަޅާ ބިލްތައް އާންމުކުރެވޭނެ އުސޫލެއް ތައާރަފްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަން ފެށުމުން، އެކި ކަންކަމަށް ކުރާ ހޭދަ ރައްޔިތުންނަށް އޮޅުންފިލުމުގެ އިތުރަށް، ބިލްތައް ލިބެމުންދާ ތަރުތީބުން ފައިސާ ދައްކަމުން ދިޔުމަށް މަގުފަހިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރީގެ ސަރުކާރުތަކާ ޚިލާފަށް، މި ސަރުކާރުން މުޅިން އަލަށް ރައީސް އަދި ނައިބު ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުތައް އާންމުކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަހާ ފޯރަމްގައި ރައްޔިތުންނަށް ލައިވްކޮށް ރައީސް އަދި ވަޒީރުންނާ ސުވާލުކުރުމަށް ފުރުޞަތު ފަހިކޮށްދެއްވަމުންދާ ކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަން އަހައި އޮޅުންފިލުވުމަށް ގިނަ ދޮރުތައް ހުޅުވާދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޭގެ ބޭނުމަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތްކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންގެ ޝަކުވާތަކާ ޚިޔާލު ސީދާ ރައީސަށް ހުށަހެޅުމަށް ހުޅުވާލާފައިވާ ޕޯޓަލްއަށް ލިބޭ ހުށަހެޅުންތަކަށް ވެސް ޖަވާބުދެމުން ގެންދަވާކަން ރައީސްގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ.



More from Vaguthu