ހުޅުމާލޭ ބަހުގެ ޚިދުމަތުގެ ބައެއް ރޫޓުތަކަށް ބަދަލު ގެނެސްފި

Sat, 27 Jul 2024 10:36 AM

View on this article on Vaguthu

ހުޅުމާލޭ ބަހުގެ ޚިދުމަތުގެ ބައެއް ރޫޓުތަކަށް ބަދަލު ގެނެސްފި

އާރިޓީއެލުން ހުޅުމާލޭގައި ދެމުންދާ ބަހުގެ ޚިދުމަތުގައި ހިމެނޭ ބައެއް ރޫޓްތަކަށް މިއަދުން ފެށިގެން ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.



އެ ކުންފުނިން އެކްސްގައި ކުރި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުކޮށްފައިވާތީ އާރުޓީއެލް ހުޅުމާލެ ބަހުގެ ޚިދުމަތުގެ ބައެއް ރޫޓްތަކަށް ބަދަލު ގެނެސްފައިވާކަމަށެވެ. މި ގޮތުން ގެނެސްފައިވާ ބަދަލުތަކަކީ:

  • އާރް 2 - މާލެ (ކާނިވަލް) - ހުޅުމާލެ ފޭސް 1
  • އާރް 7 - ހުޅުމާލެ ފޭސް 2 - މާލެ (ވެސްޓްޕާކް)
  • އާރް 8 - ހުޅުމާލެ ފޭސް 2 - މާލެ (ކާނިވަލް)
  • އާރް 9 - ހުޅުމާލެ ފޭސް 2 - މާލެ ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓްއެވެ.

ހުޅުމާލޭގެ 11 ސަރަހައްދަކަށް ބަދަލު ގެންނަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެގޮތުން ޓްރެފިކް މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމަށް، ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު (ބަގީޗާ ހިނގުން) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށް، އިއްޔެ ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

އެޗްޑީސީން ބުނީ، އެ 11 ސަރަހައްދަށް ގެންނަ ބަދަލުތަކުގެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވާނެ ކަމަށެވެ.



More from Vaguthu