ފަތިގަނޑު ފިރުކާލެވޭނެ ކެންޑިޑޭޓެއް ނެތް, އުރަތްޕެއް ވެސް ނެތް: ގާސިމް

Sun, 03 Sep 2023 11:55 PM

View on this article on Vaguthu

ފަތިގަނޑު ފިރުކާލެވޭނެ ކެންޑިޑޭޓެއް ނެތް, އުރަތްޕެއް ވެސް ނެތް: ގާސިމް

ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން "ފަތިގަނޑު ފިރުކާލެވޭނެ، ކެންޑިޑޭޓެއް" އޭނާ ފިޔަވައި ނެތް އިރު، އެއްވެސް ކެންޑިޑޭޓެއްގެ އުރަތްޕެއް ވެސް ނެތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ގާސިމް ވިދާޅުވީ ވޭތުވެދިޔަ 15 އަހަރު ތެރޭގައި އައި ސަރުކާރުތަކުން ވަރަށް ރީތި ވާހަކަ ދައްކައި، މަޝްރޫއުތައް ހިންގާނެ ކަމަށް ވައުދުވާ ކަމަށެވެ. އެކަމަކު، ރައްޔިތުންގެ ޖީބަށް ފައިސާ އިތުރުވެ، ވަޒީފާއެއް ހޯދައި ދެވިފައި ނުވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންގެ ތެރެއިން އޭނާ ޓެސްޓް ކުރަން ރައްޔިތުން ޖެހިވަޑައިނުގަންނަވާނެއެވެ. އަދި 1976 ވަނަ އަހަރު އެންމެ 2،000 ޑޮލަރުން (30،000ރ.) އިން ވިޔަފާރި ފައްޓަވައި ކުރިއެރުން ގެނެސްދެއްވާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން 1986 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގައި ރިސޯޓުތައް ހުޅުވައި ފަތުރުވެރިންނަށް ހިދުމަތް ދެއްވަން ފެއްޓެވި ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ގައުމަށް ކުރެއްވި ހިދުމަތާ އެކުގައި ހިތްވަރު ދިނުމާއި ޝަރަފްވެރިކަމުގެ ގައުމީ އިނާމްތައް ފަދަ އިނާމްތަކާއި ޝަރަފްތައް ލިބިވަޑައިގެންނެވި ކަން ގާސިމްގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

ގާސިމް އައްޑޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ - ފޮޓޯ: ޖޭޕީ

ގާސިމް ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބަކާ ބޯމަތިވެފައިވާ އިރު، ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމް ވަނީ ފެއިލްވެފައެވެ. އެހެންވީމަ، ތަރައްގީގެ މަގުގައި ކުރިއަށް ގޮސް، ރާއްޖޭގެ މިނިވަންކަމާއި އިސްލާމް ދީނާއި މަތިވެރި އަހުލާގު ދެމެހެއްޓުމާއި ދަރަނި ދަންތުރަ އިން ސަލާމަތް ކުރާނެ ކެންޑިޑޭޓު ނިންމައި އެ ބޭފުޅަކަށް ވޯޓު ދޭން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ ކެންޑިޑޭޓު ނަންބަރު ފަހަކަށް ވޯޓު ދޭށޭ. އަޅުގަނޑު އެމްޑީޕީ އަށް ދެ ފަހަރު އަދި ޕީޕީއެމަށް އެއް ފަހަރު ވެރިކަން ހޯދައި ދިނިން. އެކަމަކު، ވީ ފެއިލް،" ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ވިލާ ގްރޫޕްގެ ޗެއާމަންކަން ވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.

ގާސިމް އައްޑޫގައި ބާއްވާ ޖަލްސާގެ ތެރެއިން - ފޮޓޯ: ޖޭޕީ

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި އެކަމަށް ކުރިމަތިލެއްވީ ގައުމު ސަލާމަތް ކުރެއްވުމުގެ ބޭނުމުގައި ކަމަށާއި އެއީ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންވެ، އޭނާ ފިޔަވައި އިތުރު ކެންޑިޑޭޓަކަށް ވޯޓު ނުދެއްވުމަށް ވެސް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.

"ދެ ޕާޓީ ވެސް ފެއިލްވެގެން ދިއައީމަ އަޅުގަނޑުގެ ޒިންމާއެއް ގައުމު ސަލާމަތް ކުރުމަކީ. އާދޭސްކޮށްފައި ދަންނަވަނީ އެހެން ނަހައްދަވާށޭ." އެހެން ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ ވިސްނުން ދޫކޮށްލެއްވުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ގާސިމް ވިދާޅުވިއެވެ.

ގާސިމް އައްޑޫ ސިޓީ އަށް މިރޭ ވަޑައިގަތުމުން، އޭނާ އަށް ގިނަ އަދަދެއްގެ ބަޔަކު މަރުހަބާ ދެންނެވިއެވެ. އެ ހުރިހާ އެންމެންނާ ސަލާމް ކުރެއްވުމަށް ގާސިމް ގިނަ ވަގުތުތަކެއް ހޭދަކުރެއްވިއެވެ. އައްޑޫ ސިޓީ އަށް ކުރައްވާ ދަތުރަށް ފަހު، ގާސިމް ދެން ވަޑައިގަންނަވާނީ ފުވައްމުލައް ސިޓީއަށެވެ. އޭގެ ފަހުގައި ގއ. އަތޮޅާއި ގދ. އަތޮޅުގެ ބައެއް ރަށްތަކަށާއި ލ. އަތޮޅަށް ވަޑައިގަންނަވާނެއެވެ.



More from Vaguthu