ގާސިމްގެ ވެރިކަމުގައި ކޮންމެ ރައްޔިތަކަށް މަހަކު 35،000ރ. ގެ އާމްދަނީއެއް ލިބޭނެ: އަމީން

Sun, 03 Sep 2023 11:12 PM

View on this article on Vaguthu

ގާސިމްގެ ވެރިކަމުގައި ކޮންމެ ރައްޔިތަކަށް މަހަކު 35،000ރ. ގެ އާމްދަނީއެއް ލިބޭނެ: އަމީން

ޖުމްހޫރީ ޕާޓީ (ޖޭޕީ) ވެރިކަމެއްގައި ކޮންމެ ރައްޔިތަކަށް މަހަކު 35،000ރ. ގެ އާމްދަނީއެއް ލިބޭނެ ކަމަށް ގާސިމްގެ ތަރުޖަމާނު އަދި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި އަމީން ވިދާލުވީ ގާސިމް ވެރިކަމަށް ވަޑައިގަންނަވަނީ ރާއްޖެ އަށް ވަރުގަދަ ތަސައްވުރަކާ އެކީގައި ކަމަށެވެ. އަމީން ވިދާޅުވީ ގާސިމަކީ ވަރަށް ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށާއި އޭނާ ވަޑައިގަންނަވަނީ ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ބޮޑު ތަސައްވުރަކާއެކުގައި ކަމަށެވެ.

އަމީން ވިދާޅުވި ގޮތުގައި ގާސިމްގެ ވެރިކަމެއްގައި ރާއްޖެއަށް ގެންނަން ނިންމާފައިވާ ތަރައްގީއަކީ މީގެ ކުރިން ދުވަހަކުވެސް ރައްޔިތުން ދެކެފައިނުވާ ފަދަ ތަރައްގީއެކެވެ.

"އެމަނިކުފާނު (ގާސިމް) ވިދާޅުވީ ފާއިތުވީ 40 އަހަރު ރާއްޖެއަށް ގެނެވިފައިނުވާ ތަރައްގީ ކުރިޔަށް އޮތް ފަސް އަހަރު ހޯދައި ދޭނެ ކަމަށް،" އަމީން ވިދާޅުވިއެވެ.

ފާއިތުވީ 30 އަހަރުތެރޭ އައްޑޫ ސިޓީ އަށް ކޮށްދޭން ސަރުކާރުތަކުން ބުނި ކަންތައް އަދިވެސް ނުކުރާ ކަމަށް އަމީން ފާހަގަ ކުރެއްވިއެވެ. އަދި ގާސިމްގެ ވެރިކަމެއްގައި އެ ތަރައްގީ އައްޑޫސިޓީއަށް ގެނެސް ދެއްވާނެ ކަމުގެ ޔަގީން ކަން އަމީން ވަނީ އައްޑޫ ސިޓީ ރައްޔިތުންނަށް ދެއްވައިފައެވެ.

ޖުމްހޫރީ ޕާޓީން އައްޑޫ ސިޓީގައި ބޭއްވުނު ޖަލްސާ

އަމީން ވިދާޅުވީ މިހާރު ރާއްޖެ މިއޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އަދި އައްޑޫސިޓީއަށް އެ ތަރައްގީ ގެނައުމަށްޓަކައި ގިނަ ގޮންޖެހުންތައް ހުރަސްކޮށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބުރަ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ. އޭގެ ސަބަބެއް ކަމުގައި އަމީން ވިދާޅުވަނީ ގައުމު މިހާރު އޮތް ހާލަތެވެ.

ގައުމުގެ ފުދުންތެރިކަން ވަރަށް ވަރަށް ދަށްވެފައިވާ ކަމަށާއި، ދަރަނި މައްޗަށް ގޮސްފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ގައުމުގެ ފުދުންތެރިކަން ވަރަށް ދަށަށް ގޮސްފައިވަނީ، ދަރަނި ވަރަށް މައްޗަށް ގޮސްފައިވަނީ، ތަސައްވުރެއް އަޅުގަނޑުމެންތެރޭ ނުއެއް ފެނޭ، ވައުދުތައް ފުއްދާ މަންޒަރު އަޅުގަނޑުމެންނަށް ނުއެއް ފެނޭ މިހާރު." އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ދިވެހިންގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭވަރު ނިސްބަތުން އާބާދީ ބޮލަކަށް ޖެހޭވަރު 27،000 ޑޮލަރަށް ގާސިމް ބަދަލުކޮށްދެއްވާނެއެވެ. މިހާރު ގާތްގަނޑަކަށް 17،000 ނުވަތަ 18،000 ޑޮލަރު ބޮލަކަށް ޖެހޭކަން އަމީން ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ގާސިމްގެ ވެރިކަމެއްގައި ކޮންމެ ރައްޔިތަކަށް މަހަކު 35،000 ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށާއި ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީ ހަތަރު ބިލިޔަނުން އަށް ބިލިޔަން ޑޮލަރަށް އިތުރުކޮށްދޭނެ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.

އަދި ހަމައެއާއެކު ރާއްޖެއަށް ކުރަންޖެހޭ އިންވެސްޓުމެންޓުތަކާއި ރާއްޖެއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި އަދި ރާއްޖޭގެ ތަރައްގީއަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ޚަޒާނާގައި އެއް މިލިޔަން ޑޮލަރު ބަހައްޓައިދޭނެ ކަމަށް އަމީން ވިދާޅުވިއެވެ.



More from Vaguthu