ސޮވްރިންގ ޑިވެލޮޕްމަންޓު ފަންޑު 65 މިލިޔަން ޑޮލަރަށް

Sat, 27 Jul 2024 08:28 AM

View on this article on Vaguthu

ސޮވްރިންގ ޑިވެލޮޕްމަންޓު ފަންޑު 65 މިލިޔަން ޑޮލަރަށް

ބޮޑު ކަމެއް ޖެހޭ ވަގުތު ގައުމުގެ އިގްތިސޯދުގައި ބޭނުން ކުރުމާއި ލޯނު ދެއްކުމުގެ ކެޕޭސިޓީ މަތި ކުރަން 2017 ވަނަ އަހަރު ސަރުކާރުން އުފައްދާފައިވާ ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) މިހާރު 65 މިލިޔަން ޑޮލަރަށް ވުރެ މައްޗަށް އަރައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ސޮވްރިންގ ފަންޑުގައި ހުރީ އެންމެ 2 މިލިޔަން ޑޮލަރު ކަމަށެވެ. އެހެންނަމަވެސް މިދިޔަ 8 މަސްދުވަހުގެ ތެރޭގައި 65 މިލިޔަނަށްވުރެ ގިނަ ފައިސާ އެ ފަންޑަށް ޖަމާކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސޮވްރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރީ އެންމެ 2 މިލިޔަން ޑޮލަރު. އަޅުގަނޑުމެންގެ އިޤްތިސާދީ އެޖެންޑާ ތަންފީޒުކުރަން ފަށައި ފައިސާ ޗާޕްނުކޮށް ކުރަމުން މިދާ ތަންފީޒުކުރުމުގެ ތެރެއިން މިއަދުގެ ހާލަތު، (މިއަދު 26 ޖުލައި) މި ދެންނެވި 2 މިލިޔަން ޑޮލަރު ހުރި ސޮވްރިން ޑިވެލޮޕްމަންޓު ފަންޑަށް އަޅުގަނޑުމެން ޖަމާކޮށްފިން މިހާރު 65 މިލިޔަން ޑޮލަރު." ރައީސް ވިދާޅުވިއެވެ.

އިގްތިސާދީ ގޮތުން އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތަކާއި މިނިވަން ކަން ދިފާއު ކުރެއްވުމަށް އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޓާގެޓަކީ މި އަހަރު ނިމުމުގެ ކުރީން 100 މިލިއަން ޑޮލަރަށް ގެންދިއުން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ޖޫންމަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ކުރެވުނު އެކި މަސައްކަތްތަކުން ޖުމްލަގޮތެއްގައި 18.6 ބިލިޔަން ރުފިޔާގެ އާމްދަނީ ހޯދިއްޖެ ކަމަށްވެސް ރައީސް ވަނީ ވިދާޅެވެފައެވެ. އޭގެތެރެއިން ދައުލަތް ހިންގުމަށްޓަކައި ބޮޑު އަދަދެއް ރިކަރަންޓު ޚަރަދެއްގެ ގޮތުގައި ޚަރަދު ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކައުންސިލްތަކާއި މިނިސްޓްރީތައް އަދި ކުންފުނިތައް ހިންގުމަށް ރިކަރަންޓު ޚަރަދުގެ ގޮތުގައި 16.7 ބިލިޔަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ފޮޓޯ: ދިވެހި ދަރިއެއް ފޭސްބުކް ޕޭޖް

ސޮވްރިންގް ޑިވެލޮޕްމަންޓް ފަންޑުގެ މަގުސަދަކީ ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމާއި ގައުމަށް ދިމާވާ އިޤްތިޞާދީ ކާރިސާގެ ހާލަތުގައި ކޮންމެހެން ބޭނުންވާ މިންވަރަށް ފައިސާ ހަމަޖެއްސުމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު އެ ފަންޑުގައި ގާތްގަނޑަކަށް 200 މިލިޔަން ޑޮލަރާ ގާތްކުރާ އަދަދެއް ހުއްޓާ ނިމިދިޔަ ސަރުކާރުން އެ ފަންޑުގައި ހުރި ޑޮލަރު މާރުކޮށް، ދައުރު ނިމިގެން ދިޔައިރު ފަންޑުގެ ބޮޑު ބަޔަކީ ރުފިޔާއެވެ.



More from Vaguthu