ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރި މަރިޔަމް ސަމާ ޝަރީފް ކުރިއަށް ގެންދިޔަ ޓިކްޓޮކް ލައިވްއެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ އޮޕަރޭޝަނަށް ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައި ދީފިއެވެ.
ސަމާ، މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ އެ ލައިވްއަކީ ބޮލުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭ ކުޑަ ކުއްޖެއް ކަމަށްވާ ޔޫސުފް ހާމިދު މުހައްމަދަށް އެހީ ހޯދަން ބޭއްވި އިވެންޓެކެވެ. ސަމާ ލައިވް ފަށަމުން ވެސް ވަނީ އެއީ ޔޫސުފްއަށް އެހީވުމަށް ހިންގާ ހަރަކާތެއްކަން ފާހަގަކޮށްފައެވެ. އެ ލައިވްގައި ޔޫސުފްގެ މައިންބަފައިން ތިބި އިރު، ލައިވްގެ ވަކި ހިސާބަކުން ޔޫސުފް ވެސް ދައްކާލާފައިވެއެވެ.
އެ ލައިވްގައި ޔޫސުފްގެ މައިންބަޕައިން ވަނީ ޔޫސުފްގެ ބަލި ހާލަތު ކިޔައި ދީފައެވެ. އަދި އެ އާއިލާއަށް މާލީދަތިކަމާއި ކުރިމަތިވެފައިވާތީ އެހީތެރިކަން ބޭނުންވާ ކަން ހާމަކޮށްފައެވެ.

އެ ލައިވް އެއް ގަޑިއިރަށް ކުރިއަށް ގެންދިޔަ އިރު، އެއް ގަޑިއިރުގެ ތެރޭގައި 51,666.27ރ. ވަނީ ލިބިފައެވެ.
ސަމާ ވަނީ އެ ލައިވްގެ ތެރެއިން އެ ފައިސާ ޔޫސުފްގެ މައިންބަފައިންނަށް ޓްރާންސްފާކޮށްފައެވެ. އެގޮތުން ފުރަތަމަ 30،000ރ. ޖަމާކޮށްދިން އިރު، ފަހުން ބާކީ ބައި ވަނީ ޖަމާކޮށްފައެވެ.
ޔޫސުފްގެ މައިންބަޕައިންނާއި ސަމާ ވަނީ އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ފަށްފަށުން ޝުކުރު އަދާކޮށްފައެވެ.
ޔޫސުފްގެ އާއިލާއިން ކިޔައި ދިން ގޮތުގައި ޔޫސުފް ވަނީ ހަތް މަހުގައި ސިޒޭރިއަން ހަދައިގެން ނަގައިފައެވެ. އަދި 12 ދުވަސް ވީތަނާ ޔޫސުފްގެ ބޯ މާބޮޑަށް ބޮޑުވާން ފެށި ކަމަށާއި އެންއައިސީޔޫގައި އޮއްވާ ކުއްލިއަކަށް ފިޓް ޖެހި ސާޖަރީއެއްވެސް ކުރަން ޖެހުނު ކަމަށް ބުންޏެވެ. އަދި މިހާތަނަށް ޔޫސުފްގެ އަށް ސާޖާރީއެއްކޮށްފައިވާ ކަމަށް އެ އާއިލާއިން ބުނެއެވެ.
ޔޫސުފްގެ ބޮލުގެ ވަށަމިނުގެ ގޮތުގައި މިހާރުވެސް 56 ސެންޓިމީޓަރު ހުންނަ ކަމަށް އާއިލާއިން ބުނާއިރު، ބޯ ބޮޑުވުމުގެ އިތުރުން ޔޫސުފްގެ ލޮލުގެ ފެނުމަށް ވެސް އަސަރުކުރަމުންދާ ކަމަށް އާއިލާއިން ބުނެއެވެ.
ލައިވްގައި ސަމާ ބުނި ގޮތުގައި ޓިކްޓޮކް ވެފައި އޮންނަނީ ރާއްޖޭގެ ބައެއް މީހުން ބަލައިނުގަންނަ، ވިޔާ ނުދާ ކަންތައްތައް ކުރަމުން އަންނަ މީސް މީޑިއާ ޕްލެޓްފޯމެއްގެ ގޮތުގައެވެ. އެކަމަކު، މި ލައިވްއާ އެކުގައި މިކަން ވެސް ބަދަލުވެފައިވާ ކަން އުންމީދު ކުރާ ކަމަށް ސަމާ ބުނެފައިވެއެވެ.
ސަމާގެ މި މަސައްކަތާ ގުޅިގެން ގިނަ ބައެއްގެ ތައުރީފް އޭނާ އަށް ވަނީ ލިބިފައެވެ.