އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް އަރުވައިފި

Fri, 26 May 2023 09:47 PM

View on this article on Vaguthu

އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމަށް އަރުވައިފި

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ އެޕާޓީގެ ލީޑަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް އަށް ރިޔާސީ ޓިކެޓް އަރުވައިފިއެވެ.

މިހާރު އާޓިފިޝަލް ބީޗްގައި ކުރިއަށްދާ ޖަލްސާއެއްގައި ނާޒިމަށް ރިޔާސީ ޓިކެޓް އެރުވީ ޒުވާނަކާއި، އިސްރައްވެސަކާއި، ހާއްސައެހީއަށް ބޭނުންވާ މީހަކާއި، އަންހެނަކާއި، ބެލެނިވެރިއެއްގެ އިތުރުން އާއްމު ފަރުދެއްގެ އިހްސާސްތައް ވެސް ގެނެސްދިނުމަށް ފަހުއެވެ.

ނާޒިމްގެ ކެމްޕޭން ލޯންޗްކޮށް ކެމްޕޭންގެ ސްލޯގަން އަކީ އުޖާލާ ޒަމާން ކަން ވެސް މިރޭ ވަނީ އިއުލާން ކޮށްފައެވެ.

ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރައްވާފައެވެ.

އޭގެ ކުރިން ނާޒިމް ވަނީ ސިފައިންގެ ހިދުމަތުގައި 23 އަހަރު ގައުމަށް ހިދުމަތް ކުރައްވާފައެވެ. ނާޒިމް އަސްކަރީ ހިދުމަތުން ރިޓަޔާ ކުރެއްވީ 2011 ވަނަ އަހަރުގެ ޖަނަވަރީ 15 ގައެވެ.

އަސްކަރީ ސައިންސްގެ ދާއިރާގެ މާސްޓާސް ހާސިލް ކޮށްފައިވާ ނާޒިމް ވަނީ އަސްކަރީ ގިނަ ކޯސްތަކަކެއް ފުރިހަމަ ކުރައްވާފައެވެ.

ނާޒިމް ރިޔާސީ އިންތިހާބަށް ނިކުންނަވާއިރު ނާޒިމްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. ނަމަވެސް ޖަލު ހުކުމެއްގައި މިވަގުތު ހުރުމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތެއް އަދި ނެތެވެ.



More from Vaguthu